English Edition
Dhivehi Edition
އެމްޑީޕީގެ ކެމްޕޭނު ހަރަކާތެއްގެ ތެރެއިން

އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީ އަށް ކުރިމަތިވީ ބޮޑު ނާކާމިޔާބާ ގުޅިގެން އެ ޕާޓީގެ ލީޑަޝިޕްގެ އިސްތިއުފާ ދިނުމަށް އެ ޕާޓީގެ މެންބަރުންގެ ގިނަ ބަޔަކު އެދެން ފަށައިފިއެވެ.

އެ އިންތިޚާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން، މަޖިލީހުގެ 65 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައިވާއިރު އަދި އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ވަނީ 13 ގޮނޑިއެވެ.

އެގޮތުން އެމްޑީޕީން އަބަދުވެސް ކާމިޔާބުކުރަމުން އައި ގޮނޑިތައް ވެސް އެ ޕާޓީއަށް ގެއްލިފައިވާއިރު މާލެ ސިޓީއާއި ފުވައްމުލަކާއި އައްޑޫސިޓީ އަދި ކުޅުދުއްފުށި ސިޓީއާއި ޖުމްލަކޮށް މުޅި ރާއްޖޭގެ ބޮޑު އަޣުލަބިއްޔަތެއް ވެސް ވެރިކަންކުރާ ޕީއެންސީން ވަނީ ހޯދާފައެވެ.

އެމްޑީޕީގެ ގިނަ ދުވަސްވީ އަދި ލީޑަޝިޕްގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމް އަދި ޕީޖީ ލީޑަރު ރަޝީދު ހުސައިން (ބިގޭ) އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒަށް ވެސް ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އެއާއެކު އެމްޑީޕީގެ ލީޑާޝިޕްގެ އިސްތިއުފާއަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

އެމްޑީޕީގައި މަސައްކަތް ކުރެއްވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވެސް ވިދާޅުވީ އެމްޑީޕީ ބަލިވި އެންމެ ބޮޑު އެއް ސަބަބަކީ ޕާޓީގެ ލީޑަޝިޕް ބަލިކަށިވުން ކަމަށް. އަދި ޕޮލިޓިކަލް ސްޓްރެޓެޖީއެއް ނެތްކަމަށާއި އެ ބޭފުޅުން ބޮޑަށް ޝައުގުވެރިވީ ދޮގު ފެތުރުމަށް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އިއްޔެގެ ނާކާމިޔާބީއާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގެ ނަތީޖާއިން މާޔޫސްވެ ވަޑައިގެންފައިވާ ކަމަށެވެ. އަދި ޑިމޮކްރެސީގެ ހަަމަތައް ހިފެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޒިންމާދާރު އިދިކޮޅެއްގެ ގޮތުގައި ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށް އެމްޑީޕީ ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.