English Edition
Dhivehi Edition

މެޕްސް ކޮލެޖުގެ އޮގަސްޓް 2024 އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ކޮލެޖުން ހުޅުވާލައިފިއެވެ.

އެ ކޮލެޖުން ބުނީ އޮގަސްޓް އިންޓޭކްގައި އެ ކޮލެޖުން ހިންގާ ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާރސް ޑިގްރީގެ ހުރިހާ ކޯސްތަކެއްގައި ވެސް ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެ ކަމަށެވެ.

އޭގެތެރޭގައި ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް، ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓްގެ ކޯސްތައް ހިމެނޭ ކަމަށް ބުނެއެވެ.

ކާމިޔާބު ކަމާއެކު އޯލެވެލް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބޭއިރު، އޭލެވެލް ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ފެންވަރުގެ އެޑްވާންސްޑް ސެޓްފިކެޓް ކޯހެއް ފުރިހަމަކޮށްފައިވާނަމަ، މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ކޮންމެ ކޯހެއްގައި ވެސް ބައިވެރިވެވޭނެ ކަމަށް އެކޮލެޖުން ބުނެއެވެ.

މީގެއިތުރުން އޯލެވެލް އަދި އޭލެވެލްގެ ފާސް ނެތް ފަރާތްތަކަށް، ‘އޯލްޓަނޭޓް އެންޓްރީ’ ނުވަތަ އެ ފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ވެސް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުނެއެވެ.

މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ހުރިހާ ކޯސްތަކަކީ ވެސް ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވައިދޭ ‘ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް’ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެކެވެ.

މިގޮތުން ގިނަ ޑިގްރީ ކޯސްތަކަކީ ދަރިވަރުންގެ އަތުން ކޯސް ފީގެ އެއްވެސް ޚަރަދެއް ނުގޮސް މުޅިން ހިލޭ ކިޔެވުމުގެ ފުރުސަތު ‘ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް’ގެ ތެރެއިން ދަރިވަރުންނަށް ލިބޭ ކޯސްތަކެކެވެ. މެޕްސް ކޮލެޖުން ހިންގާ ހުރިހާ ކޯސްތަކަކީ ވެސް މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކޯސްތަކެކެވެ.

މެޕްސް ކޮލެޖުން ހިންގާ ކޯސްތަކާ ބެހޭ ހުރިހާ މައުލޫމާތެއް ވެސް އެ ކޮލެޖުގެ ވެބް ސައިޓް www.maps.edu.mv މެދުވެރިކޮށް ލިބިގެންދާއިރު، މަތީ ތައުލީމު އުނގެނުމުގައި ކުރިޔަށް ދާންވީ ދާއިރާއެއް ޚިޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އެހީތެރިކަން ވެސް މެޕްސް ކޮލެޖުން ފޯރުކޮށްދޭނެއެވެ.

މި މައުލޫމާތު މެޕްސް ކޮލެޖުގެ ނަމްބަރު 3314621 ނުވަތަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް ދަރިވަރުންނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

އޮގަސްޓް 2024 އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު މެޕްސް ކޮލެޖުން ހުޅުވާލާފައިވާއިރު، އެ ކޮލެޖުން ހިންގާ އިންޓަނޭޝަނަލް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.

މިގޮތުން އެކައުންޓިންގް ދާއިރާއިން މުޅި ދުނިޔެ ޤަބޫލުކުރާ އެސޯސިއޭޝަން އޮފް ޗަރޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) އަދި ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ ޑިގްރީ އާއި މާސްޓަރސް ކޯސްތައް ހިމެނެއެވެ. އެކައުންޓިންގް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ އެމްބީއޭގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ކުރިޔަށް އޮތް މެއި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އަހަރުގެ އޮގަސްޓް އިންޓޭކްގެ ކިޔެވުން އޮގަސްޓް 4 ގައި ފަށަން ތައްޔާރުވަމުން އަންނައިރު، މި އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހެވެ.

އާއްމުންނަށް މަތީ ތަޢުލީމު ފޯރުކޮށްދިނުމުގެ ދިގު މާޒީއެއް އޮތް މެޕްސް ކޮލެޖަކީ 2019 ވަނަ އަހަރުން ފެށިގެން އޮންލައިންކޮށް މަތީ ތައުލީމު އުނގަންނައި ދިނުމުގެ ޚިދުމަތް ދެމުން އަންނަ ކޮލެޖެކެވެ.

މެޕްސް ކޮލެޖުން 1999 ވަނަ އަހަރު އާއްމުންނަށް މަތީ ތައުލީމު ދިނުމުގެ ޚިދުމަތް ފަށާފައިވާއިރު، ކާމިޔާބު ކަމާއެކު މަތީ ތައުލީމު ފުރިހަމަ ކޮށްފައިވާ ގިނަ ދަރިވަރުންތަކެއް އެ ކޮލެޖުން ވަނީ މުޖްތަމަޢަށް ނެރެދީފައެވެ.