English Edition
Dhivehi Edition
ފޮޓޯ: އިލެކްޝަންސް ކޮމިޝަން

20 ވަނަ މަޖިލިސް އިންތިހާބުގެ ވޯޓްލުން މިހާރު ކުރިޔަށް ދާއިރު، ވޯޓުލުން ކުރިއަށްދަނީ ވަރަށް ރަނގަޅު އިންތިޒާމެއްގެ ދަށުން މާބޮޑު މައްސަލަތަކެއް ނުޖެހި، ވަރަށް އަމާންކަމާއެކުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިޔަށް ދާ މަޖިލިސް އިންތިޚާބު ވޯޓުގެ ކަންކަން ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އީސީގެ ރައީސް ފުއާދު ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ ރަނގަޅު އިންތިޒާމެއްގެ ދަށުން އަމާންކަމާއެކުކަމަށެވެ. އަދި ވޯޓުލުން މިހާތަނަށް އައިއިރު، މާ ބޮޑު މައްސަލަތަކެއްވެސް ނުޖެހޭކަމަށް ފުއާދު ވިދާޅުވިއެވެ. އަދި އިންތިޚާބާ ގުޅިގެން ބައެއް ކަހަލަ ޝަކުވާތައް ހުށަހަޅާފައިވީ ނަމަވެސް އޭގެތެރޭގައި ކަންބޮޑުވާންޖެހޭވަރުގެ އެއްވެސް ޝަކުވާއެއް ނެތްކަމަށް ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 80 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާނެކަމަށް ލަފާކުރެވޭކަމަށާއި ލަފާކުރިވަރަށް ވުރެ ގިނަ މީހުން މިހާތަނަށް ދިޔައިރު ވޯޓުލާފައިވާ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 284،663 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބޭއިރު، އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މެންދުރު ފަހު 3:00 އާއި ހަމައަށް ޖުމުލަ 160،158 މީހުން ވަނީ ވޯޓު ލާފައެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 56.26 އިންސައްތައެވެ.

މިއަދު ހެނދުނު 8:00 ޖެހިއިރު ފެށި މަޖިލިސް އިންތިހާބުގެ ވޯޓްލުން ހަވީރު 5:30އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.