ފަހަތުން އަރައި ސްޕެއިންގެ ބާސެލޯނާ ބަލިކޮށް، ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީފައިނަލުން ޕީއެސްޖީ ޖާގަހޯދާފައިވަނީ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ރޭ އެފްސީ ބާސެލޯނާއާ ބައްދަލުކުރި މެޗު، 1-4 އިން ކާމިޔާބުކޮށް، ހަ ލަނޑުގެ އެގްރިގޭޓު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ޕީއެސްޖީގެ ދަނޑުގައި މި ދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު 3-2 އިން ކާމިޔާބުކޮށްފައި ވަނީ ބާސާއިންނެވެ. ނަމަވެސް ބާސާގެ ދަނޑުގައި ރޭގެ ކުޅުނު ދެވަނަ ލެގުގެ މެޗުން ޕީއެސްޖީ މޮޅުވީ 4-1 ގެ ނަތީޖާއިންނެވެ.
މެޗު ފެށިގެން ޕީއެސްޖީގެ ކުޅުންތެރިން ދިއައީ ވަރަށް ބޮޑަށް ކުރިއަށް ޖެހި ހަމަލާ އުފެއްދުމަށް މަސައްކަތްކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން، ޕީއެސްޖީން ކުރިއަށް އަރާ ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދަނިކޮށް، މެޗުގެ 12 ވަނަ މިނެޓުގައި ބާސާއިން އުފެއްދި ކައުންޓާ އެޓޭކެއްގައި އެޓީމުން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ ރަފީނިއާއެވެ.
މި ލަނޑާ އެކު މި މެޗު ވެސް ބާސާއިން ކާމިޔާބުކޮށް ސެމީފައިނަލަށް ހިނގައިދާނެކަމަށް ގިނަ ބަޔަކަށް ހީކުރެވުނު ނަމަވެސް، މެޗުގެ 29 ވަނަ މިނެޓުގައި ބާސާގެ ޑިފެންޑާ ރޮނާލްޑް އަރައުހޯއަށް ރެފްރީ ދެއްކި ރަތްކާޑާއި އެކު މެޗުގެ އޮއިވަރު މުޅިން ބަދަލުވެގެން ދިޔައެވެ.
ޑިފެންޑަރު ރޮނާލްޑް އަރައުހޯ އަށް ރަތްކާޑު ދެއްކީ ޕީއެސްޖީން އުފެއްދި ހަމަލާއެއްގައި ބްރެޑްލީ ބާކޯލާ ބޯޅައާ އެކު ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވައްނަން މަސައްކަތް ކުރުން ހުއްޓުވުމަށް އަރޫހޯ ކުރި ފައުލަކާއި ގުޅިގެންނެވެ.
އަރޫހޯ އަށް ރަތްކާޑު ދައްކާ ފޮނުވާލުމުން ބާސާއަށް އޭނާ ނެތްތަން ފޫބައްދަން ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޕީއެސްޖީން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ޕީއެސްޖީގެ މި ލަނޑު ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެލޭއެވެ.
ދެވަނަ ހާފަށް ކުޅެން އަރައި ޕީއެސްޖީން ރަނގަޅަށް ކުޅުނުއިރު، މެޗުގެ 54 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ދެވަނަ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މިއާއި އެކު ދެޓީމުގެ ދެމެދުގައި އޮތް އެގްރިގޭޓް ނަތީޖާގެ ފަރަގު ހަމަހަމަވިއެވެ. މި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ވިޓީނިއާއެވެ.
މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭއެވެ. މިއާއެކު އެގްރިގޭޓް ނަތީޖާ ޕީއެސްޖީ ކޮޅަށް އެނބުރިގެން ދިޔައެވެ. މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ޖަހައިދިނީ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން އެމްބާޕޭއެވެ.
ރޭގެ މެޗުން ބާސާގެ މައްޗަށް ހޯދި މި ކާމިޔާބީއާ އެކު ޕީއެސްޖީން ވަނީ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި، ސެމީފައިނަލްގައި އެ ޓީމު ބައްދަލުކުރާނީ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ސެމީފައިނަލުން ޖާގަހޯދި ބޮރޫޝިއާ ޑޯޓްމުންޑާއެވެ.