English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިލަންދެ އަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ދަރަނބޫދޫ ކައުންސިލު އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި އެންމެ މުހިންމުކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއްވީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމެވެ. މީގެ އިތުރުން ރަށުން ދޫކޮށްފައި ހުރި ގޯތިތަކުގައި ގެދޮރުއެޅުމަށް ލުއިލޯނުފަދަ ލުއިފަސޭހަގޮތެއް ހޯދައިދިނުމަށް އެދުމާއި، ސްކޫލުގެ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް އަވަހަށް ނިންމަން ބޭނުންވާކަމަށާއި، މަގުތައް ހެދުމާއި، ޞިއްޙީ ދާއިރާއިން ބޭނުންވާކަންކަމާއި، ފުޓްބޯޅަދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ވޮލީ ކޯޓެއްގެ އިތުރުން ޕާކެއް ތަރައްޤީކުރަން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

އ.ތ.މ ކޮމިޓީން ވަނީ ބަޖެޓުގެ ދަތިކަމާއި އެކޮމިޓީގެ މަސައްކަތްތައް ހިންގުމަށް ލިބިފައިވާ އިމާރާތެއް ބޭނުން ހިފޭގޮތަށް ހެދުމަށް އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޒުވާނުންގެ މަރުކަޒާއި ވޮލީކޯޓާއި އަދި ފުޓްބޯޅަ ދަނޑުގެ މަސައްކަތަކީވެސް ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަންތައްތައްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް އެދެވޭ ހައްލުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.