ރާއްޖޭގައި ޔަތީމު ކުދިންނަށް ދާއިމީ ގޮތެއްގައި ކޮންމެ އަހަރަކު ޒަކާތު ހައުސް އިން މާލީ އެހީތެރިކަމެއް ދެވޭނެ ގޮތަކަށް ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަކާތު ހައުސް އިން ޔަތީމު ކުދިންނަށް އެހީވެދޭ ނިޒާމުގެ ދަށުން އެކުދިން ބޮޑުވަންދެން ކޮންމެ އަހަރަކު އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އެހެންނަމަވެސް އަދި މިހާތަނަށް މި ނިޒާމާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.
ޔަތީމު ކުދިންނަށް ޒަކާތު ހައުސް އިން ދާއިމީ ގޮތެއްގައި ކޮންމެ އަހަރަކު މާލީ އެހީތެރިކަމެއް ދެވޭނެ ގޮތަކަށް ނިޒާމެއް ޤާއިމުކުރާނަން. މި ނިޒާމުގެ ދަށުން އެކުދިން ބޮޑުވަންދެން ކޮންމެ އަހަރަކު އެހީތެރިކަން ލިބިގެންދާނެ. އިންޝާ ﷲ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 11, 2024
“މޯލްޑިވްސް ޒަކާތު ހައުސް” ގެ ނަމުގައި އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފައި ވަނީ 2023 ވަނަ އަހަރު ޑިސެމްބަރު މަހު 18 ވަނަ ދުވަހުއެވެ.