English Edition
Dhivehi Edition

އެނަރޖީ ހީލިންގް އަކީ އިންސާނާގެ ނަފްސާއި ހަށިގަނޑުގެ ދިރުމާ އިންނަ ގުޅުން ވަރުގަދަކޮށް ހަށިގަނޑުއޭގެ އަމިއްލަ ޒާތުގައި ދުޅަހެޔޮ ސިއްހަތަކަށް ރުޖޫއަވެ އެގޮތުގައި ދެމިހުރުމަށް އެހީތެރިވެދޭ ތެރަޕީއެއް. ގިނަ ދުވަހަށް ނުފިލާހުންނަ ތަދުތަކާ ބަލިތަކާ އުނދަގޫ ތަކަކީ އެނަރޖީ އިމްބަލަންސްގެ އަލާމާތްތަކެއް. މިކަހަލަ އުދަގޫ ތަހައްމަލް ކުރައްވާ ބޭފުޅުން ވަރަށް މުހިއްމު ވާނެ ބޭސްފަރުވާޔާ އެކުވެސް އެނާރޖީ ހީލިންގް ތެރަޕީއެއް ނެންގެވުން. އޭރުން އެ ބަލީގެ އަސްލު ސަބަބު ހައްލު ކުރެވޭނީ. އިންޝަ ﷲ ޤުލޫބް ކެޔަރގެ ހިދުމަތްތަކުން މީގެ ފަރުވާ ލިބޭނެ)

ޤުލޫބް ކެއަރ އިން މި ރަމަޟާން މަހު ގެނެސްދޭ މި ސީރީޒް ހާއްސަކޮއްލާނީ، އަހަރުމެންގެ އަމިއްލަ ނަފްސު ބާރުވެރި ކުރުވާ، ހަށިގަނޑުގެ ޝިފާވެރިކަމަށް އިތުބާރުކޮށް ހަށިގަނޑު އޭގެ އަމިއްލަ ޒާތުގައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެނަރޖީ ބެލަންސް ކޮށްލަން އަމިއްލައަށް ކޮށްލެވިދާނެ ބައެއް އުކުޅުތަށް ހިއްސާކޮއްލުމަށެވެ. މިއަދުގެ ހަދިޔާ ޚާއްސަކޮށްލާނީ ރަމަޟާން މަހަށް އަލްވަދާ ކިޔާ، އީދަށް މަރުހަބާ ކިޔާއިރު ސޮދަޤާތަކާއެކު “އީދުމުބާރިކު” ކިޔާލުމުގެ މުހިންމުކަމަށެވެ.

މާތްވެގެންވާ ރަމަޟާންމަސް އަހަރުމެންނާ އަލްވަދާ ކިޔަމުން ދާއިރު، ފާހަގަ ކުރެވޭކަމކީ މި ރޯދަމަސް ނިމިގެން ދިޔަލެއް އަވަސްކަމެވެ. ފަހަކަށް އައިސް ކޮންމެ ރޯދަމަހަކީވެސް ހަމަ އެހާ އަވަހަށް ނިމިގެންދިޔަ މަސްތަކެއްކަން ފާހަގަކުރެވެއެވެ. މިހެން މިކަން އެ ފާހަގަކުރެވެނީ ސަބަބެއް ނެތިއެއްނޫނެވެ. އަހަރުމެންގެ މިހާރުގެ ދިރިއުޅުމަށް ބަލާލީމަ ފެންނާނެ ހަގީގަތަކީ، އަބަދުވެސް ކޮންމެސް ކަމެއްގަ މަސްއޫލުވެ، އަވަސް އަރުވާލާފަ، އެއްކަމަކަށްފަހު އަނެއްކަމެއް ކުރަމުން ވަގުތުފަހާ ދުވާތަނެވެ. ދުވާލު މިގޮތަށް ދުވެދުވެ ހުއްޓާ އިރުއޮއްސި، ރޭވެ، ކުރު ނިންޖަކަށްފަހު އަނެއްކާވެސް އަނެއް ދުވަހު ހަމަ އެއްކަލަ ކަންކަމުގައި މަސްއޫލުވެ، ވަގުތުފަހާ ދުވުމަކީ އަހަރުމެން އާންމުންގެ މިއަދުގެ ހާލަތުކަމަށް ގިނަބަޔަކު އެއްބަސްވާނެއެވެ. ކުޑަ ވަގުތުކޮޅަކަށްވެސް ހަމަހިމޭންވެލާ، އަމިއްލަ ނަފްސާއެކު އެކަނިވެލާނެ ވަގުތުކޮޅެއް ނުހޯދެއެވެ. އެހާވެސް ލައިފް ބިޒީވެއްޖެ، އެހެންނޫންތޯއެވެ؟

މިޔަދުގެ ހަދިޔާއަކީ ކިތަންމެ ބިޒީ ލައިފް ސްޓައިލެއްގައި އުޅެމުންވެސް އެހެން މީހުންނަށް އީދު ހަދިޔާ ދޭފަދައިން އަމިއްލަ ނަފްސަށް ހަދިޔާއެއް ދޭން ކޮށްލެވިދާނެ ކަމެކެވެ. އެންމެ ފުރިހަމަ ހަދިޔާއަކަށް ވާނީ ކުރެވޭ ސޮދަޤާތެއްގެ ސަބަބުން ﷲ ސުބުހާނަހޫ ވަތައާލާގެ ރަހުމަތުން ތިމާގެ ނަފްސަށް ލިބޭ ހަދިޔާއެއް ކަން ހަމަ ޔަގީނެވެ. މިގޮތުން މިއަދުގެ ހަދިޔާ މި ޚާއަސަކޮއްލަނީ މި ފިތުރު އީދު ދުވަހު އެންމެންނަށް ސަލާމްކޮށް އީދު މުބާރިކް ކިޔާއިރު، އެއީ ކުރެވޭ ސޮދަޤާތަކަށް ހަދާލާނީ ކިހިނެއްތޯއެވެ.

އެންމެ ފުރަތަމަ ސޮދަޤާތަކީ ކޮބައިތޯ ބަލަމާހިނގާށެވެ. އަހަރުމެންނަށް އެނގިފައިވާ ގޮތުގައި ސޮދަޤާތަކީ އަހަރުމެންނަށް ލިބިފައިވާ ނިއުމަތަކުން އަނެކުންނަށް ދޭ ހަދިޔާއެކެވެ، ނުވަަތަ ވެވޭ އެހީ އެކެވެ. މިގޮތުން ނިއުމަތް ތަކަށް ބަލާލާއިރު، ތިމާއަށް ލިބިފައިވާ މާލީ ތަނަވަސްކަމުގެ އިތުރުން، އެމީހަކަށް ލިބިފައިވާ އިލްމާ، ހުނަރާ، ހުލްޤް އަކީވެސް ﷲ ގެ ރަހުމަތްފުޅުން ލިބިފައިވާ ނިއުމަތްތަކެވެ. ވީމާ މިއިން ކޮންމެ ކަމަކުންވެސް ސޮދަޤާތް ކުރެވޭނެއެވެ. އަދި ހެޔޮހިތުން ކުރާ ކޮންމެ ސޮދަގާތަކީ އޭގެ ނަފާ ﷲ ދިހަ ގުނަޔަށް އިތުރު ކޮއްދެއްވާނެކަމަށް އަންގަވާފައިވާ މަތިވެރި އަމަލެކެވެ. ހިނިތުންވެލުމަކީވެސް ސޮދަޤާތެކެވެ، އަނެކުންނަށް ހެޔޮއެދި ކުރެވޭ ދުޢާ އަކީވެސް ސޮދަޤާތެކެވެ.

އަހަރެމެންގެ މުސްލިމް އަހުންނާ އުހުތުންނާ ބައްދަލުވާހިދު “سَلَـٰمٌ عَلَيْكُمْ” ކިޔާ ސަލާމް ކޮށްލުމަކީ ކުރެވޭ ދުއާއެވެވެ، ސޮދަޤާތެކެވެ. ٱلْأَنْعَامْ ސޫރަތުގެ 54 ވަނަ އާޔަތުގެ މާނައިގައި ﷲ سُبْحَانَهُ وَتَعَالَى މާތް ނަބިއްޔާ صلي الله عليه وسلم އަށް ވަހީކުރަށްވާ ފައިވެއެވެ، “ތިމަން ރަސްކަލާންގެ އާޔަތްތަކަށް އީމާންވާ މީހުން ކަލޭގެފާނާ ހަމަޔަށް އަތުވެއްޖެ ހިނދު، ކަލޭގެފާނު سَلَـٰمٌ عَلَيْكُمْ މިހެން ވިދާޅުވެ އެމީހުންނާ ސަލާމް ކުރާށެވެ. ތިޔަބައިމީހުންގެ ރަސްކަލާންގެ، އެކަލާންގެ ރަަސްކަންފުޅުގެ މައްޗަށް ރަހުމަތް ލާޒިމު ކުރައްވާ ލިޔުއްވައި ފިއެވެ. …” ސުބުހާނަ ﷲ! މިއީ އަހަރުމެން މުސްލިމުން ސަލާމް ކުރަން އެންމެ ފުރިހަމަ ގޮތްކަން ހަމަ ކަށަވަރު. މި އާޔަތުން ދޭހަވާ ހިކުމަތަކީ، އަހަރުމެން މުސްލިމުން، އެކަކު އަނެކަކާ ބައްްދަލުވާހިނދު “سَلَـٰمٌ عَلَيْكُمْ” މިހެން ބުނުމުން، އެސަލާމް ރައްދުވާ މީހާގެ މައްޗަށް ރަހުމަތްލެއްވުން ﷲ سُبْحَانَهُ وَتَعَالَى އެކަލާންގެ ރަސްކަންފުޅަށް ލާޒިމު ކުރައްވާކަމެވެ. مَا شَاءَ ٱللَّهُ، ٱلْحَمْدُ لِلَّهِ!

މިއަދުގެ ހަދިޔާ!

މި ރަމަޟާން މަސް ނިމި، އަހަރުމެން ފިތުރު އީދަށް މަރުހަބާ ކިޔާ އެކަކު އަނެކަކާ ބައްދަލުކޮށް އީދު މުބާރިކު ކިޔާ އިރު، ސޮދަޤާތެއް ކުރުމުގެ ނިޔަތުގައި ހިނިތުން ވެލާފައި ” سَلَـٰمٌ عَلَيْكُمْ ، އީދު މުބާރިކު” މިހެން ބުނެލާ، އޭގެ ރަހުމާ ލާބަ އަނެކުންނަށް ލިބުމަށް އެދެމާ ހިނގާށެވެ. އަދި މިކުރެވުނު ސޮދަޤާތުގެ މަންފާ ﷲ سُبْحَانَهُ وَتَعَالَى ދިހަ ގުނަޔަށް ތިމާޔަށް އިތުރު ކޮށްދެއްވާނެ ކަމުގެ ޔަގީކަން ހިތުގެ އަޑިން ގަބޫލުކޮށް އެކަމާ އުފާކޮށްލަމާ ހިނގާށެވެ.

މި ރަމަޟާން ސީރީޒް ގައި ހިއްސާ ކޮށްލެވުނު މައުލޫމާތަކީ ބޭނުންތެރި މައުލޫމާތު ކޮޅަކަށް ވީކަމަށް އުއްމީދު ކުރަމެވެ. ޤުލޫބް ކެޔަރގެ އުންމީދަކީ ކޮންމެ މީހަކީވެސް އަމިއްލަ ނަފްސުގެ ޝިފާވެރިކަމަށް އިތުބާރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އަމިއްލަ ނަފްސު ބާރުވެރިކުރުވާ މީހަކަށްވުމެވެ. އަޅުގަނޑުމެންގެ ދުއާ އަކީ ﷲ سُبْحَانَهُ وَتَعَالَى ތިޔަ އެންމެހައި ބޭފުޅުންނަށް އުފާވެރި، ބާއްޖަވެރި، ދުޅަހެޔޮ ދުވަސްތަކެއް މިންވަރުކުރެއްވުން. سَلَـٰمٌ عَلَيْكُمْ ، އީދު މުބާރިކު!