English Edition
Dhivehi Edition

އެނަރޖީ ހީލިންގް އަކީ އިންސާނާގެ ނަފްސާއި ހަށިގަނޑުގެ ދިރުމާ އިންނަ ގުޅުން ވަރުގަދަކޮށް ހަށިގަނޑުއޭގެ އަމިއްލަ ޒާތުގައި ދުޅަހެޔޮ ސިއްހަތަކަށް ރުޖޫއަވެ އެގޮތުގައި ދެމިހުރުމަށް އެހީތެރިވެދޭ ތެރަޕީއެއް. ގިނަ ދުވަހަށް ނުފިލާހުންނަ ތަދުތަކާ ބަލިތަކާ އުނދަގޫ ތަކަކީ އެނަރޖީ އިމްބަލަންސްގެ އަލާމާތްތަކެއް. މިކަހަލަ އުދަގޫ ތަހައްމަލް ކުރައްވާ ބޭފުޅުން ވަރަށް މުހިއްމު ވާނެ ބޭސްފަރުވާޔާ އެކުވެސް އެނާރޖީ ހީލިންގް ތެރަޕީއެއް ނެންގެވުން. އޭރުން އެ ބަލީގެ އަސްލު ސަބަބު ހައްލު ކުރެވޭނީ. އިންޝަ ﷲ ޤުލޫބް ކެޔަރގެ ހިދުމަތްތަކުން މީގެ ފަރުވާ ލިބޭނެ)

ޤުލޫބް ކެއަރ އިން މި ރަމަޟާން މަހު ގެނެސްދޭ މި ސީރީޒް ހާއްސަކޮއްލާނީ، އަހަރުމެންގެ އަމިއްލަ ނަފްސު ބާރުވެރި ކުރުވާ، ހަށިގަނޑުގެ ޝިފާވެރިކަމަށް އިތުބާރުކޮށް ހަށިގަނޑު އޭގެ އަމިއްލަ ޒާތުގައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެނަރޖީ ބެލަންސް ކޮށްލަން އަމިއްލައަށް ކޮށްލެވިދާނެ ބައެއް އުކުޅުތަށް ހިއްސާކޮއްލުމަށެވެ. މިއަދުގެ ހަދިޔާ ޚާއްސަކޮށްލާނީ ވަރުބަލިކަން ފިލުވާލުމަށް ހަށިގަޑުގެ އެނަރޖީ ރިސެޓް ކޮށްލަން ކޮއްލެވިދާނެ ކަމަކަށެވެ.

ރަމަޟާން މަހުގެ ފަހުދިހަ އަކީ އަހަރުމެން މުސްލިމުންނަށް ވަރަށް ޚާއްސަ ދުވަސްކޮޅެކެވެ. ރޭގަނޑާއި ދުވާލު، ﷲ سُبْحَانَهُ وَتَعَالَى ގެ މަތިން ގިނަގިނައިން ހަދުމަކުރުމުގައި ވަގުތުތައް ހޭދަކުރަން ބޭނުންވާ ދުވަސް ކޮޅެކެވެ. އަހަރުމެން އެންމެންނަކީވެސް ދުވާލުގަޑީގައި ރޯދަޔަށް ތިބެފައި، ރޯދަ ވީއްލުމާއެކު ނަމާދަށް އިސްވެ، ފަތިސް ވަންދެން ރޭ އަޅުކަމުގައި ތިބުމަށް އެދޭ ބަޔަކީމުއެވެ. ލައިލަތުލް ޤަދުރި ލިބިގަތުމުގެ ނިޔަތުގައެވެ.

މިއަދުގެ ހަދިޔާ މި ޚާއްސަ ކޮށްލަނީ މިގޮތަށް ގިނަވަގުތު ނަމާދުގައި ހުންނައިރު، ވަރުބަލިކަން އިހުސާސް ވާން ފަށައިފި ނަަމަ، ހަށިގަނޑަށް އިތުރު ހިއްވަރެއްދީ ހަކަތަ އިތުރުކޮށްލުމަށް ކޮށްލެވިދާނެ އެނަރޖީ ބެލަންސިންގް ޓެކްނިކެއް ގެނެސް ދިނުމަށެވެ.

ހަށިގަނޑަކީ އިންސާނާ ދުނިޔެމަތީގައި ހަމަޖެހިގެން ސަލާމަތުން ގެންގުޅުމަށް ރެޔާދުވާލު މަސައްކަތްކުރާ ވަރަށް ފުރިހަމަ މެޝިނެކެވެ. ކުޅަދުންވަންތަ އިލާހެއްގެ ކުޅަދާނަ ފަރުމާވެރިކަން ދައްކުވާދޭ ފުރިހަމަ މެޝިނެކެވެ. ﷲ سُبْحَانَهُ وَتَعَالَى މިދުނިޔޭގައި ލައްވާފައިވާ ހުރިހާ އެއްޗެއްވެސް އޭގެ ޒާތުގައި ރެޔާއި ދުވާލުގެ ނިޒާމަށް ބޯލަނބާ ކިޔަމަންވާހެން، އިންސާނާގެ ހަށިގަނޑުވެސް ރެޔާދުވާލުގެ ނިޒާމަށް ކިޔަމަން ވެއެވެ. ދުވާލު މަސައްކަތުގައި އުޅެފައި، ރޭގަނޑު އަރާމުކޮށް ނިދުމަކީ ހަށިގަޑުގެ “ޑިފޯލްޓް” ޕްރޮގްރާމެކެވެ. އެހެނަސް އިންސާނާ ބޭނުންވެއްޖެ ހާލަތުގައި މި ޕްރޮގްރާމް ބަދަލުކުރުމުގެ އިހްތިޔާރު އިންސާނާޔަށް ލިބިގެންވެއެވެ. މިއީ ﷲ سُبْحَانَهُ وَتَعَالَى ގެ ރަހުމަތްފުޅުން އިންސާނާޔަށް ދެއްވާފައިވާ ބާރެކެވެ.

އާންމުކޮށް މެޝިނު، ފޯނު، އެއްޗިހި ލަސްވެ، ތާށިވެ ނުހިގާގޮތް ވާންފެށުމުން އަހަރުމެން ކުރަނީ ކީއްތޯއެވެ. “ރިސެޓް” ނުނީ “ރިބޫޓް” ކޮއްލަނީ، އެހެންނޫންތޯއެވެ. މިއަދުގެ ހަދިޔާގައި މިގެނެސްދެނީ މި ފަހުދިހައިގެ ރޭއަޅުކަމަށް ދިޔުމުގެ ކުރިން ހަށިގަނޑުން ވަރުބަލިކަން ފިލުވާލުމަށް ހަށިގަނޑުގެ އެނަރޖީ ރިސެޓް ކޮއްލަން ހަދާނެ އުކުޅެކެވެ. މިއީ އެނަރޖީ މެޑިސިންގެ ބާނީ ޑޯނާ އީޑަން ފަރުމާކޮށް އޭނާގެ ޑެއިލީ އެނަރޖީ ރޫޓިންގައި “3 ޓެޕްސް ޓު ރިސެޓް” ގެ ނަމުން ނަންދީފައިވާ އުކުޅެކެވެ.

ޓެޕްސް ޓު ރިސެޓް

ނޯޓް: ޓެޕްކުރާނީ ދެއަތުގެ އިންގިލިތަކުން ދެފަރާތުގައި އެއްކޮށް އާދައިގެ ޕްރެޝަރުގައި 9 ވަރަކަށް ފަހަރު. މިގޮތަށް ޓެޕް ކުރާއިރު، އެތަނުގައި އެއްވެސް ކަހަލަ ތަދެއް އިހުސާސް ކުރެވޭނަމަ، އޭގެ މާނަޔަކީ އެތަނަށް އިތުރަށް ޓެޕިން އެބަ ބޭނުންވެޔޭ.
1. ކޮލުގެ ކަށިގަނޑުގައި ދެފަރާތުން ޓެޕް ކޮށްލާ.
– މި ޓެޕް ކޮއްލީމަ މީހާ ގްރައުންޑް ވެލާނެ. ރަގަޅަށް ޓެޕްކުރާ އިރު ކަކުލުން ތިރިން ފައިދަށުން ވައިބްރޭޝަން އިހުސާސް ވާނެ،
2. ކަރުކަށިގަނޑުގެ ތިރީގައި މަޑުކޮށް އަޑިވެފައި އިންނަ ތަނުގައި (K27) ޓެޕްކޮއްލާ.
– މި ޓެޕް ކޮއްލީމަ، ހަށިގަނޑުގެ އެނަރޖީ ޗެނަލްތައް އޭގެ ފުރިހަމަ މިސްރާބަށް ގެނުވާ ކުރިޔަށް ދައުރުކުރުވާލާނެ. ނަތީޖާއަކީ ސިގްނަލް ފްލޯއަށް ބެލަންސް ގެނައުން.
3. ބްރެސްޓް ލައިންގެ ތިރިން މޭކަށިގަނޑުގައި ޓެޕްކޮއްލާ.
– މި ޓެޕް ކޮއްލީމަ ހަށިގަނޑުގެ ރިޒާވް ބޭނުންކޮށްގެން އިތުރަށް ހަކަތަ އުފެއްދުމަށް ހަށިގަނޑަށް މެސެޖް ފޮނުވާލެވޭނެ. ނަތީޖާއަކީ ހަށިގަނޑުގައި ފެޓް ބަރން ކޮއްލާ މީހާ އެނަރޖައިޒް ކޮއްލުން.

އެކްސްޓްރާ ޓިޕްސް

މިގޮތަށް ޓެޕް ކޮށްލުމަށް ފަހު، ދެއަތް ދެއަތާ ހޫނު ކޮށްލާފަ، އެއްފަރާތުން އަނެއްފަރާތަށް ހުރަސް ކޮށްލާގޮތަށް، އެއްފަރާތުގެ ކޮޑުން އަނެއްފަރާތުގެ އުނަގަޑާ ހަމަޔަށް ދެއަތުން ދެފަރާތަށް އަތްކާއްތާލާ. މިގޮތަށް ދެތިންފަހަރު އަތް ކާއްތާލީމަ، ހަށިގަނޑު ހިމާޔަތް ކުރާ ހެދުން (އޯރާ) ހަށިގަނޑާ ރަނގަޅަށް ގުޅި، ކްރޮސް ޕެޓާންގައި ސިގްނަލް ފްލޯ ދެމެހެއްޓުމަށް އެހީތެރިވެދޭނެއެވެ.