English Edition
Dhivehi Edition
Mature woman suffering from backache at home. Massaging neck with hand, feeling exhausted, standing in living room.

( ޤުލޫބް ކެޔަރ ގެ ރޯދަހަދިޔާ ސީރީޒް އަށް މަރުހަބާ! ޤުލޫބް ކެޔަރ އަކީ އެނަރޖީ ހީލިންގް އާއި ސެލްފް ކެޔަރ ގެ ހިދުމަތްދޭ ތަނެއް. އެނަރޖީ ހީލިންގް އަކީ އިންސާނާގެ ނަފްސާއި ހަށިގަނޑުގެ ދިރުމާ އިންނަ ގުޅުން ވަރުގަދަކޮށް ހަށިގަނޑުއޭގެ އަމިއްލަ ޒާތުގައި ދުޅަހެޔޮ ސިއްހަތަކަށް ރުޖޫއަވެ އެގޮތުގައި ދެމިހުރުމަށް އެހީތެރިވެދޭ ތެރަޕީއެއް. ގިނަ ދުވަހަށް ނުފިލާހުންނަ ތަދުތަކާ ބަލިތަކާ އުނދަގޫ ތަކަކީ އެނަރޖީ އިމްބަލަންސްގެ އަލާމާތްތަކެއް. މިކަހަލަ އުދަގޫ ތަހައްމަލް ކުރައްވާ ބޭފުޅުން ވަރަށް މުހިއްމު ވާނެ ބޭސްފަރުވާޔާ އެކުވެސް އެނާރޖީ ހީލިންގް ތެރަޕީއެއް ނެންގެވުން. އޭރުން އެ ބަލީގެ އަސްލު ސަބަބު ހައްލު ކުރެވޭނީ. އިންޝަ ﷲ ޤުލޫބް ކެޔަރގެ ހިދުމަތްތަކުން މީގެ ފަރުވާ ލިބޭނެ)

ޤުލޫބް ކެއަރ އިން މި ރަމަޟާން މަހު ގެނެސްދޭ މި ސީރީޒް ހާއްސަކޮއްލާނީ، އަހަރުމެންގެ އަމިއްލަ ނަފްސު ބާރުވެރި ކުރުވާ، ހަށިގަޑުގެ ޝިފާވެރިކަމަށް އިތުބާރުކޮށް ހަށިގަނޑު އޭގެ އަމިއްލަ ޒާތުގައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެނަރޖީ ބެލަންސް ކޮށްލަން އަމިއްލައަށް ކޮށްލެވިދާނެ ބައެއް އުކުޅުތަށް ހިއްސާކޮއްލުމަށެވެ. އެގޮތުން މިއަދުގެ ހަދިޔާ ޚާއްސަކޮށްލާނީ ދުވާލުގެ ވަރުބަލިކަމާ އެކު އުފެދޭ ކުދި ތަދުތައް ފިލުވާލުމުގެ މުހިންމުކަމަށެވެ.

ރޯދަމަހަކީ އަހަރުމެން އެންމެންނަށްވެސް އާދަޔާ ޚިލާފަށް ހަލަބޮލިކަމާއި ވަރުބަލިކަން އިހުސާސް ކުރެވޭ މަހެކެވެ. މިއީ ސައިކޮލޮޖިކަލް ކަމަކަށްވެސް ވެދާނެއެވެ. ދުވާލު ހަތަރުދަމު ނުކައި ނުބޮއެ ހުރެ މަސައްކަތް ކުރަންޖެހުމަކީ، އެމީހެއްގެ ފިކުރުގައި ބޮޑު ބުރައެއްކަމަށް ގަބޫލުކުރެވޭނަމަ، ހަށިގަނޑު އެކަމަށް ރިއެކްޓްކުރާނެއެވެ. އަދި އެ ކުރާމަސައްކަތުގެ ބުރަ އިހުސާސް ކުރެވޭލެއްވެސް ބޮޑުވާނެއެވެ. އަހަރުމެންގެ ތެރޭގައި މި ފިކުރުގައި އުޅޭމީހުން މަދެއްނޫނެވެ. ރޯދައޭ ކިޔާފައި ދުވާލު ހަތަރުދަމު ނިދަންތިބޭ މީހުންވެސް މަދެއްނޫނެވެ. އަދި އާންމު މަސައްކަތްތައް ފަހަތައް ޖައްސާލާ ގިނަވަގުތު ރެސްޓް މޯޑުގައި ތިބޭމީހުންވެސް ވަރަށް ގިނައެވެ. އެހެނަސް މިއީ އެންމެން އުޅޭ ގޮތެއްނޫނެވެ. ދުވާލު ބުރަކޮށް މަސައްކަތުގައި އުޅެފައި ގެޔަށް އައިސް ރޯދަވިއްލާ ގަޑިޔަށް އާއިލާގެ އެންމެންނަށް އުފާވެރި ހިތްހަމަޖެހޭ އިފްތާރު ސުފުރާއެއް ހެދުމުގައި އަވަދިނެތި އުޅޭމީހުންވެސް މަދެއްނޫނެވެ. މިއީ އާންމުކޮށް ގިނަ އަންހެންވެރިން އުޅޭގޮތްކަން ފާހަގަކޮށްލަން ޖެހެއެވެ. އެހެންވީމާ މިއަދުގެ ހަދިޔާ މި ޚާއްސަކޮށްލަނީ މިގޮތަށް ބުރަކޮށް ބަދިގެތެރޭގައި އަވަދިނެތި އުޅޭ އަންހެން ބޭފުޅުންނަށެވެ.

އަހަރުމެންގެ ކުދި ބަދިގެ ތަކުގައި އެއްކޮޅަށް ޖެހިލާފައި، އަނެއްކޮޅަށް ޖެހިލާފައި، އެއްފަރާތަށް އެނބުރިލާފައި އަނެއްފަރާތަށް އެނބުރިލާފައި އަވަސް ފިޔަވަޅުމަތީ އުޅޭއިރު، ހަށިގަޑުގައި އުފެދޭ ޓެންޝަންތައް ގިނަވެއެވެ އަދި މި ޓެންޝަން ތަކާއެކު ތަދުތަކެއްވެސް ހަށިގަނޑުގައި އުފެދެއެވެ. އެހެނަސް އެވަގުތު އެ ތަދުތަކެއް އިހުސާސެއް ނުކުރެވޭނެއެވެ. އެއީ އެވަގުތު އެކަމަށް ސަމާލުކަން ދެވެން ނޯންނާނެތީއެވެ. މިއީ އިންސާނާގެ ހަށިގަނޑު ދަސްކޮށްފައިވާ ކަމެކެވެ. އަވަސް އަވަސްކޮށް ކުދި ފިޔަވަޅުމަތީ މީހާ އެނބުރޭނީ ވަރަށް ނުތަނަވަސް ވަގުތު ތަކުގައިކަން ހަށިގަނޑަށް އެނގެއެވެ. އެހެންވެ އެ ނުތަނަވަސްކަން ފިލަންދެން އުނދަގޫނުކޮށް މަޑުކޮށްލައިގެން ހުންނާނެއެވެ. ބަސްއަހާ ދަރިއެއް ފަދައިންނެވެ.

ރޯދަވީއްލުމަށްފަހު އާންމުކޮށް އެންމެންވެސް އަވަސްވެ ގަންނާނީ ތަރާވީސް ނަމާދަށް ދާށެވެ. ނަމާދަށްގޮސް ނަމާދުގައި ހަމަޖެހިލައިގެން ހުންނަ ވަގުތު މަޑުމަޑުން އެއްކަލަ ތަދުތައް އިހުސާސް ކުރެވެން ފަށާނެއެވެ. އެހެނަސް އެވަގުތު އަހަރުމެންނަށް އެކަމަށް ސަމާލުކަމެއް ނުދެވެއެވެ، އަދި ނަމާދު ނިންމާފައި ގެޔަށް އައިސްވެސް އެކަމައް ސަމާލުކަމެއް ނުދެވެއެވެ. އަނެއްކާވެސް ކޮންމެސް އެހެން ކަމެއްގައި މަސްއޫލުވެ އުޅެފައި ވަރުބަލިކަންމަތީ ގޮސް އަރާއޮށޯވެ ނިދެނީއެވެ. މިގޮތަށް ނިދާއިރު ރަނގަޅަށް ހަމަ ނިންޖެއް ނުނިދޭނެއެވެ. ހަށިގަނޑު އޭގެ އަމިއްލަ ޒާތުގައި ތަދުތައް ފިލުވާލެވޭވަރުގެ ފުން ނިންޖެއް ނުލިބޭނެއެވެ. ދެބަދޭތެރޭ އޮވެފައި އަނެއްކާވެސް ދަމުނަމާދަށް ނޫނީ ހާރުދަމަށް ތެދުވާނެއެވެ. ހާރު ނިންމާފައި، ފަތިސް ނަމާދުކޮށްގެން އަނެއްކާވެސް ނިދޭތޯ އުޅޭނެއެވެ. އެހެނަސް ފުން ނިންޖަކަށް ނުދެވޭނެއެވެ. މިއީ ގިނަ އަންހެންވެރިންގެ އާންމު ހާލަތެވެ. މިގޮތަށް މިހާލަތު ތަކުރާރު ވުމުގެ ނަތީޖާއަކަށް ވަނީ ހަށިގަނޑުގައި އުފެދޭ ކުދި ތަދުތައް ބޮޑެތި ވޭންތަކަށް ބަދަލުވުމެވެ. މިއަދުގެ ހަދިޔާގައި މިގެނެސްދެނީ މިގޮތައް އުފެދޭ ކުދި ތަދުތަކަށް އަޅާލާ، މިތަދުތައް ފިލުވާލުމަށް ހަށިގަނޑަށް އެހީތެރިވެދޭން ކޮއްލެވިދާނެ ކަމެކެވެ.

އެންމެފުރަތަމަ އަށް، މިތަދު އުފެދުމުގެ އަސްލަކީ ކޮބާތޯބަލަމާ ހިނގާށެވެ. ﷲ سُبْحَانَهُ وَتَعَالَى މިދުނިޔޭގައްޔާއި، ދުނިޔެ މަތީގައި ލައްވާފައިވާ ހުރިހާ އެއްޗެއްގައިވެސް “އިލެކްޓްރޯ މެގްނެޓިކް ފީލްޑް” އެއްލައްވަވާފައި ވެއެވެ. މިއީ ދަގައްފާނަށް ދަމާ ބާރައް ކިޔާނަމެކެވެ. ދުނިޔޭގައި ނޯތް ޕޯލް އަކާ ސައުތް ޕޯލެއް އިންނަހެން، ދުނިޔެމަތީގައިވާ ހުރިހާ އެއްޗެއްގައިވެސް ނޯތްޕޯލް އަކާ ސައުތް ޕޯލްއެއްވެއެވެ. ދިރުން ހުރި، އަދި ދިރުންނެއް އެއްޗެހިވެސް މިދުނިޔެ މަތީގައި ހަމަޖެހިފައި ތިބުމަށް މެދުވެރިކުރުވާ ސަބަބަކީ މިއީއެވެ. مَا شَاءَ ٱللَّهُ. އަހަރުމެން އިންސާނުން ގައިވެސް މި ފީލްޑްވެއެވެ. އަދި ޕޯލަރިޓީ ވެސްވެއެވެ. ހަމަ އެހެންމެ، އަހަރުމެން ގައިގައިވާ ދިރުމާ، ހަށިގަނޑުގައިވާ ލެޔާ، ފެނާ، އެހެނިހެން ދިޔަވެސް މި އިލެކޮޓްރޯ މެގްނެޓިކް ފީލްޑަށް ތަބާވެ އެޔާއެކު އެނބުރެއެވެ. ދަގައްފާނަށް ދަނގަޑު އެނބުރޭހެންނެވެ. އަހަރުމެންގެ ވަށައިގެންވާ ހުރިހާ އެއްޗެއްގައިވެސް މި ބާރު އެބަ ހުރެއެވެ. އަދި ގުދުރަތީ މި ބާރުގެ އިތުރުން، ގޭގައި ދުވާ ކަރަންޓާ، ގެންނުޅޭ ފޯނާ އެހެނިހެން ވަސީލަތް ތަކުގައިވެސް މިގޮތަށް ދަމާ ބާރު އެބަހުރެއެވެ. ކަންމިހެން ހުރިއިރު އަހަރުމެން އަވަސް އަވަހަށް ދެކޮޅަށް ދުވެދުވެ އުޅޭ އުޅުމުގައި އަހަރުމެންގެ މެގްނެޓިކް ފީލްޑް އެހެން އެއްޗިހީގެ ފީލްޑް ތަކާ ދިމާލަށްގޮސް އަހަރުމެންގެ ފީލްޑުގެ ޕޯލަރިޓީ އެއްކޮޅުން އަނެއްކޮޅަށްޖެހި، ސިގްނަލްތައް ވިއްސި ވިހާލިވެގެން ދާގޮތް ވެއެވެ. ތަދުތައް އުފެދެން ދިމާވާ ސަބަބަކީ މިއީއެވެ. މިގޮތަށް ޕޯލަރިޓީ “ފްލިޕް” ވެފައި ހުންނަ އިރު، މީހާ ފަސޭހައިން ސިއްސައިގެންދިއުމާ، ވިސްނުން އަވަސް އަވަހަށް ބަދަލުވުމާ، ވާނުވާ ނޭނގޭ ހާލަތުގައި ހުރުން އެކަށީގެން ވެއެވެ. އަދި އަވަހަށް ވަރުބަލިވެ، ކަންކަމަށް ސަމާލުކަން ދެވޭލެއް ކުޑަވުން މިއީވެސް ޕޯލަރިޓީ ފްލިޕް ވެފައި ހުރުމުގެ އަލާމާތްތަކެވެ. މިހާލަތަށް “އަންގްރައުންޑަޑް” އޭ ވެސް ކިޔައެވެ.

އެހެންވީމާ، “ގްރައުންޑް” ވެލުން ވަރަށް މުހިންމެވެ. “ގްރައުންޑް” ވުމަކީ ދުނިޔޭގެ މެގްނެޓިކް ބާރާ، އަހަރުމެންގެ މެގްނެޓިކް ބާރާ ގުޅުވާލުމަށް ކިޔާ ނަމެކެވެ. ގްރައުންޑް ކޮށްލުމަށް، ޕޯލަރިޓީ ރަނގަޅުކޮށްލުން މުހިންމެވެ. ޕޯލަރިޓީ ރަނގަޅު ކޮށްލީމާ އޮޓޮމެޓިކުން ގްރައުންޑް ވާނެއެވެ. ދަގަނޑު ދަގައްފާނަށް ދަމާހެން އަހަރުމެންގެ މެގްނެޓިކް ފީލްޑް، ދުނިޔޭގެ ވަރުގަދަ މެގްނެޓިކް ފީލްޑާ ގުޅިލާނެއެވެ. މިގޮތަށް ގްރައުންޑް ވެލީމަ މިހާ ހުންނާނީ ހަމަޖެހިލާފައެވެ. ސިގްނަލްތައް އޭގެ ފުރިހަމަ މިސްރާބުގައި، އަދި ހަށިގަނޑުވެސް ރިލެކްސް ވެލާފައެވެ. ގްރައުންޑް ވެލީމާ މީހާއަށް ހަމަނިދި ލިބި، ހަށިގަނޑުގައި އުފެދިފައި ހުންނަ ކުދި ތަދުތައް އަމިއްލަޔައް ފިލުވާލާނެއެވެ.

އެހެންވީމާ ސަމާލުކަމެއް ދޭންވީ ރޯދަ ވީއްލުމާ ނިދަން އޮށޯތުމާއި ދެމެދު ކޮންމެވެސް ވަގުތެއްގައި ޕޯލަރިޓީ ރަނގަޅު ކޮށްލާ، ގްރައުންޑް ވެލުމަށެވެ. މިއަދު މިގެނެސްދެނީ ޕޯލަރިޓީ ރަނގަޅުކޮށްލަން ވަރަށް ފަސޭހަ އުކުޅެކެވެ. މި އުކުޅަކީ “އީޑަން އެނަރޖީ މެޑިސިން” ގެ ބާނީ ޑޯނަރ އީޑަން “ސްޕޫނިންގް” ގެ ނަމުގައި ތައާރަފް ކޮށްފައިވާ ވަރަށް އިފެކްޓިވް އަދި އެހާމެ ފަސޭހައިން ކޮށްލެވޭ ކަމެކެވެ. މިކަން ،ނަމާދަށް ފަހު ޒިކުރު ކޮށްލަން އިންނަ ވަގުތުގަ އަދި ތަރާވީސް ނަމާދަށް ދިއުމުގެ ކުރިންވެސް، ނޫނީ ނިދަން އެނދަށް އަރާފަވެސް ކޮށްލެވޭނެއެވެ.މިއީ އެމީހަކަށް ފަސޭހަ ގަޑިއެއްގައި ވަގުތު ހޯދައިގެން ވިޔަސް ކުރުން ވަރަށް މުހިންމުކަމެކެވެ. މިއީ ތިމާގެ އަމިއްލަ ހަށިގަނޑަށް ކުރެވޭ ސަދަޤާތެކެވެ، ދެވޭ ފަރުވާއެކެވެ.

ސްޕޫނިންގް

1. ހޯދާނީ ސްޓެއިންލެސް ސްޓީލް ސަމްސަލެއް.
ސްޓެއިންލެސް ސްޓީލްތޯ ޔަގީން ކުރުމަށް ދަގެއްފާނުގައި ތަތްލާތޯ ބެލިދާނެއެވެ. ތަތްލާ ކަމަށް ވަންޏާ ރަނގަޅުވާނެއެވެ. ގިނަ ސަމްސާތަކުގައި ޖަހާފައިވެސް ހުންނާނެއެވެ. ސްޓެއިންލަސް ސްޓީލް ސަމްސާ އާދައިގެ ވަރަކަށް ބަރުވާނެއެވެ. މޭޒުމަތީ ސަމްސާ ނޫނީ ތަންކޮޅެއް ބޮޑު ފަސޭހައިން ގެންގުޅެވޭ ސައިޒެއް ރަނގަޅުވާނެ.
2. ސަމްސަލުގެ ބަނޑުފުށުން ފައި ތިލައިގެ ދައްފުށުގައި މަޑުމަޑުން ކާއްތާނީ ގާތްގަޑަކަށް ފަސްވަރަކަށް މިނެޓް ވަންދެން. މިގޮތަށް ދެފައިގައި ކާއްތާލީމަ ނިމުނީ.
ހަށިގަނޑުގައި ތަދެއް އުފެދިފައި ހުރިނަމަ ސީދާ އެތަނުގައިވެސް “ސްޕޫން” ކޮށްލެވޭނެއެވެ. އަދި އާދަވެެގެން މިގޮތަށް “ސްޕޫން” ކުރާނަމަ، މިކަހަލަ ތަދުތައް ފިލައިގެންދާކަމަށް މިކަން ތަޖުރިބާ ކޮށްފައި ތިބި މީހުން ބުނެއެވެ.