English Edition
Dhivehi Edition

( ޤުލޫބް ކެޔަރ ގެ ރޯދަހަދިޔާ ސީރީޒް އަށް މަރުހަބާ! ޤުލޫބް ކެޔަރ އަކީ އެނަރޖީ ހީލިންގް އާއި ސެލްފް ކެޔަރ ގެ ހިދުމަތްދޭ ތަނެއް. އެނަރޖީ ހީލިންގް އަކީ އިންސާނާގެ ނަފްސާއި ހަށިގަނޑުގެ ދިރުމާ އިންނަ ގުޅުން ވަރުގަދަކޮށް ހަށިގަނޑުއޭގެ އަމިއްލަ ޒާތުގައި ދުޅަހެޔޮ ސިއްހަތަކަށް ރުޖޫއަވެ އެގޮތުގައި ދެމިހުރުމަށް އެހީތެރިވެދޭ ތެރަޕީއެއް. ގިނަ ދުވަހަށް ނުފިލާހުންނަ ތަދުތަކާ ބަލިތަކާ އުނދަގޫ ތަކަކީ އެނަރޖީ އިމްބަލަންސްގެ އަލާމާތްތަކެއް. މިކަހަލަ އުދަގޫ ތަހައްމަލް ކުރައްވާ ބޭފުޅުން ވަރަށް މުހިއްމު ވާނެ ބޭސްފަރުވާޔާ އެކުވެސް އެނާރޖީ ހީލިންގް ތެރަޕީއެއް ނެންގެވުން. އޭރުން އެ ބަލީގެ އަސްލު ސަބަބު ހައްލު ކުރެވޭނީ. އިންޝަ ﷲ ޤުލޫބް ކެޔަރގެ ހިދުމަތްތަކުން މީގެ ފަރުވާ ލިބޭނެ)

ޤުލޫބް ކެއަރ އިން މި ރަމަޟާން މަހު ގެނެސްދޭ މި ސީރީޒް ހާއްސަކޮއްލާނީ، އަހަރުމެންގެ އަމިއްލަ ނަފްސު ބާރުވެރި ކުރުވާ، ހަށިގަނޑުގެ ޝިފާވެރިކަމަށް އިތުބާރުކޮށް ހަށިގަނޑު އޭގެ އަމިއްލަ ޒާތުގައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެނަރޖީ ބެލަންސް ކޮށްލަން އަމިއްލައަށް ކޮށްލެވިދާނެ ބައެއް އުކުޅުތަށް ހިއްސާކޮއްލުމަށެވެ. މިއަދުގެ ހަދިޔާ ޚާއްސަކޮށްލާނީ ނަމާދަށް އެރުމުގެ ކުރިން އެހެން ޚިޔާލުތަކާ ފިކުރުތަށް ހަމަހިމޭން ކޮށްލާ ހިތާ، ނަފްސު ފުރިހަމަޔަށް ނަމާދަށް ގެނައުމުގެ މުހިންމުކަމަށެވެ.

ٱلْحَمْدُ لِلَّهِ! އަނެއްކާވެސް ﷲ سُبْحَانَهُ وَتَعَالَى ގެ ރަހުމަތްފުޅުން ރަމަޟާން މަހެއްގެ ފަހުދިހަ އަހަރުމެންނަށް ނަސީބު ކުރައްވައިފިއެވެ. މި ދުވަސްތަކުގައި އަހަރުމެން އެންމެންގެވެސް އުއްމީދަކީ إن شاء الله ލައިލަތުލް ޤަދްރި ވިލޭރޭގެ ފުރިހަމަކަމާ ފޮނިމީރުކަން އަހަރުމެން އެންމެންނަށްވެސް ނަސީބުވުމެވެ. މިރެއަށް އަހަރުމެން އިންތިޒާރު ކުރަމުން ދާއިރު، ދުވާލާ، ރޭގަޑުގެ ފަރުޟުތަކާ، ރޭ އަޅުކަމުގައި ގިނަ ވަގުތުތަކެއް ހޭދަ ކުރަމުން ދާއިރު، މި އަޅުކަމުގައި ހުންނަ ވަގުތަކީ އެ އަޅުކަން ފުރިހަމަޔަށް ކުރުމުގެ ނިޔަތުގައި ތިމާމީހާގެ ހިތާ، ނަފްސާ، ހަށިގަޑުގެ ދިރުންވެސް، އެ އަޅުކަމަށް ސަމާލުވެ ހުރެ ކުރާ އަޅުކަމެއްކަން ޔަގީން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނަސް އަހަރުމެންގެ ތެރެއިން މިގޮތަށް ނަމާދު ކުރެވެނީ ކިތައް މީހުންނަށްބާވައެވެ؟

ނަމާދަކީ އަހަރުމެން މުސްލިމުން ﷲ سُبْحَانَهُ وَتَعَالَى ގެ ކުރިފުޅުމައްޗަށް ހުއްޓި، އެކަލާނގެ އެއްކައުވަންތަ ކަމާ،އި ހުސްޠާހިރުވަންތަ ކަމާއި ކުޅަދުންވަންތަކަމަށް ހެކިވެ، އެކަލާންގެއީ އާލަމްތަކުގެ ވެރި ރަސްކަލާންގެކަމާއި، އެކަލާނގެއީ އައްސަވާވޮޑިގެންވާ، ބައްލަވާވޮޑިގެންވާ އިލާހުކަމާ، ދިރުންގެންނަވާ، މަރު ގެންދަވާ ރަސްކަލާންގެކަން ހަދުމަކޮށް، ދުނިޔެއާއި އާޚިރަތުގެ އުފަލާއި ލާބަ ލިބުންއޮތީ އެކަލާނގެ ރަސްކަންފުޅަށް އަޅުކަންކޮށް ކުއްތަންވެ ދެމިތިބުމަގައިކަން ހިތުގެ އަޑިން ޔަގީން ކުރާހާލު، އެކަމާއި އެއްވެސް ޝައްކެއް ވަސްވާހެއްނެތި އެކަލާންގެ ހަޟުރަތުގައި ހުންނަ ވަގުތަކެވެ. މިއީ ވަރަށް ނާޒުކު، އެހެނަސް އެހާމެ އުފާވެރި ވަގުތެކެވެ. ފުރިހަމަ ނަމާދެއް ކޮއްލެވުމުން އެލިބޭ ހިތްހަމަ ޖެހުމަކީ ބުނެދޭން ނޭނގޭކަހަލަ އިހުސާސެކެވެ. ކޮންމެ މީހަކަށްވެސް އެކަން ތަޖުރިބާ ކުރެވުމުން ނޫނީ ނޭނގޭނެ އިހުސާސެކެވެ.

ނަމަވެސް އަޅުގަޑުމެންގެ ތެރެއިން މި އުފާ އިހުސާސް ކުރެވޭގޮތަށް ނަމާދު ކޮށްލެވެނީ ކިތައް މީހުންނަށްބާވައެވެ؟ ނަމާދަށް ހުންނައިރު، ނަމާދުގައި ކިޔާ ދުއާތަކާ ކަލިމަތައް އޭގެ ފުރިހަމަ މާނައިގައި އިހުސާސް ކުރެވެނީ ކިތައް މީހުންނަށް ބާވައެވެ؟ މިއީ ވަރަށް މުހިންމު ކަމެއްކަން ހަމަ ޔަގީނެވެ. އަދި ﷲ سُبْحَانَهُ وَتَعَالَى ގެ ވަހީ ބަސްފުޅެއްގެ މާނައިގައި ވެއެވެ، “… ތިމާއަށް ކިޔޭ ނުކިޔޭ ނޭނގޭ ހާލުގައި ނަމާދާ ގާތް ނުވާށެވެ…” (ސޫރަތް އަން-ނިސާ، އާޔާތް 43)، أَسْتَغْفِرُ ٱللَّهَ. މި އާޔަތުން އެކަނިވެސް މިކަމުގެ މުހިންމުކަން ކަށަވަރުވެއެވެ. އެހެނަސް ހިތާމަޔާއެކު ބަލައިގަންނަން ޖެހޭ ހަގީގަތަކީ، އަހަރުމެންގެ ތެރެއިން ގިނަ މީހުންނަކީ، ނަމާދުގައި ‘ކިޔޭ’ އެއްޗަކާމެދު މާބޮޑު ސަމާލުކަމެއް ނެތި ހަރަކާތް ތަކެއް ކޮށްލާފައި ކުނާމަތިން ފައިބައިގެން ދާ ބައެކަށް ވާކަމެވެ. ސުވާލަކީ މިގޮތަށް ކުރާ ނަމާދަކީ ފުރިހަމަ އަޅުކަމަކަށް ވާނެބާއެވެ؟

މިއަދު މި ފުރުސަތުގައި ތި އެންމެހައި ބޭފުޅުންގެ ކިބައިން ކޮށްލަން ބޭނުންވާ އިލްތިމާސަކީ ނަމާދުގައި ކިޔާ ދުއާތަކާ، ކަލިމަތަކާ، ތަކުބީރުތަކާ، ސޫރަތްތައްވެސް އޭގެ މާނަޔާއެކު ދަސްކޮށް، އޭގައި އެބުނާ އެއްޗެއް ތިމާޔަށް އިހުސާސް ކުރެވޭވަރަށް އެކަމާ ފިކުރު ހިންގާ، ހިތުގައި ބިންވަޅު ނެގުމަށް މަސައްކަތް ކޮށްލަމާ ހިނގާށެވެ. އަދި މި އިލްމް ލިބިފައިވާ ބޭފުޅުން، ވީހާވެސް ގިނަބަޔަކަށް މި އިލްމު އުގަންނާދިނުމަށް މަސައްކަތް ކޮށްލަމާ ހިނގާށެވެ. އަޅުގަޑުމެންގެ މުޖުތަމައުގެ އެންމެންނަކީވެސް ފުރިހަމަ މުސްލިމުންގެ ގޮތުގައި ފުރިހަމަޔަށް އަޅުކަން އަދާކުރާ ބަޔަކަށް ހެދުމަށް އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރަމާ ހިނގާށެވެ.

ދެން މިއަދުގެ ހަދިޔާ!

މިއަދުގެ ހަދިޔާ މި ޚާއްސަ ކޮއްލަނީ ނަމާދަށް ހުންނައިރު، ތިމާގެ ހިޔާލުތަކާ ފިކުރުތައް ވިއްސި ވިހާލިވެގެން އެތަން މިތާ އުޅުނަ ނުދީ، އަނބުރާ ގެޔަށް (ހަށިގަނޑަށް) ގެނެސް، ހިތުގެ ވިންދާ ގުޅުވާލާ ހަމަހިމޭން ކޮށްލުމަށް ކޮއްލެވިދާނެ އެނަރޖީ ބެލަންސިންގް ޓެކްނިކަކަށެވެ. މީގެ ބޭނުމަކީ ތިމާގެ ބުއްދިޔާ، ހުރިހާ ހިއްސުތަކާ، އިހުސާސްތަކެއް އެވަގުތު އެހުރި ހާލަތަށް ގެނެސް، ކުރަން މިއުޅޭ ކަމަކަށް ސަމާލުކަން ގެނައުމެވެ. މި ޓެކްނިކަކީ އެނަރޖީ މެޑިސިންގެ ބާނީ، ޑޯނާ އީޑަން ތައްޔާރުކޮށް، އެނަރޖީ ހީލިންގް އެކްސްޕަރޓް ޕްރޫން ހެރިސް، ފުރިހަމަ ކޮށްފައިވާ ޓެކްނިކެކެވެ.

ހުކްއަޕް އެންޑް ސެންޓަރ!

1. އެއްއަތުގެ މެދު އިނގިލި ފޫޅައް ހަރާލާފަ، އަނެއް އަތުގެ މެދު އިނގިލި ދެބުމަ ދޭތެރޭ އިންނަ ބްރިޖްގެ މެދުގައި ޖައްސާ ފިއްތާލާފައި ހިފާއްޓާލާ.
2. މިގޮތަށް ހުރެ ފުންކޮށް ތިން ނޭވާ ލާނީ ނޭފަތުން އެތެރެއަށް، އަނގައިން ބޭރަށް.
3. އެއަށްފަހު ދެއަތް ގެނެސް މޭމަތީ މެދުގައި ބާއްވާލާފަ، އާދައިގެ ފަސް ނޭވާ ލާނީ ހިތާ ހަމަޔަށް.
4. މިގޮތައް ހުންނަ އިރު މޫނުމައްޗަށް ހިނިތުން ވުމެއް ގެނެސް ހިތުން ٱلْحَمْدُ لِلَّهِ ކިޔާލުން ރަނގަޅު.