ދުނިޔޭގެ ފުޓްބޯޅައިގައި އަދި މިހާތަނަށް ދުނިޔޭގެ އެންމެ ބޮޑު ހަތަރު ފުޓްބޯޅަ ލީގުން ރަން ބޫޓް ހާސިލް ކުރެވިފައިވާ އެއްވެސް ކުޅުންތެރިއެއް ނެތް ކަމަށާއި އެ ޝަރަފު ލިބޭނެ ހަމަ އެކަނި ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ޕޯޗުގަލް ފުޓްބޯޅަ ލެޖެންޑް ލުއިސް ފީގޯ ބުނެފިއެވެ.
ޕޯޗުގަލް މީޑިއާއަކަށް ދިން ބަސްދީގަތުމެއްގައި ވާހަކަދައްކަމުން ލުއިސް ފީގޯ ބުނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ދުނިޔޭގެ ގިނަ ބައެއްގެ އެންމެ ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައިވާ އަދި އަމާޒުވަމުން އަންނަ ހަމަ އެކަނި އެތްލީޓު ކަމަށާއި، ނަމަވެސް އެ ފާޑުކިޔުންތަކުން ހިތްވަރު ލިބިގަނެ، އަދިވެސް ދުނިޔޭގެ އެންމެ މަތީފަންތީގައި ސާބިތުވެ ހުރިކަމަށެވެ.
ފީގޯ ބުނީ ފުޓުބޯޅަ ކެރިއަރުގައި ކުރިމަތިވާ އެންމެ ބޮޑެތި ގޮންޖެހުންތަކާއި އެކުވެސް ރޮނާލްޑޯ ހޯދަމުން އަންނަ ބޮޑެތި ކާމިޔާބީތަކަކީ ދުނިޔޭގެ އެހެން އެއްވެސް ކުޅުންތެރިއަކަށް ހާސިލް ކުރެވޭނޭ ކާމިޔާބީތަކެއް ނޫންކަމަށެވެ. އެކަން މިއަދުގެ ފުޓްބޯޅައިން ވަރަށް ރަނގަޅަށް ހާމަވާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ފީގޯ ބުނީ ސައުދީ ޕްރޮފެޝަނަލް ލީގުގައި ވެސް ރޮނާލްޑޯ ދައްކަމުން އަންނަނީ ވަރަށް ތަފާތު މޮޅު ކުޅުމެއް ކަމަށާއި، އޭނާ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކޮންމެ ލީގެއްގައި ކުޅުނަސް އެ ތަފާތު ދައްކާކަމަށެވެ. އަގި ގިނަ ލަނޑުތަކެއް ވެސް ޖަހާނެކަމަށް ފީގޯ ބުންޏެވެ.
ފީގޯ ބުނީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އަދި އެންމެ ނަން މަޝްހޫރު ލީގުތަކުގެ ތެރޭގައި ހިމެނޭ އިޓަލީ ލީގާއި ސްޕެނިޝް ލީގުގެ އިތުރުން ޕްރިމިއާ ލީގުގައި ވެސް ރޮނާލްޑޯ އެންމެ ގިނަ ލަނޑުޖަހައިގެން ރަންބޫޓް ހޯދާފައިވާ ކަމަށެވެ. އަދި މިއީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅުކަމަށް ދައުވާ ކުރާ ފުޓްބޯޅަ ކުޅުންތެރިންނަށް ވެސް ކުރެވިފައިވާ ކަމެއް ނޫންކަމަށް ފީގޯ ބުނެފައިވެއެވެ.
އުމުރުން 39 އަހަރުގައިވެސް ރޮނާލްޑޯ ދައްކަމުން އަންނަ މޮޅު ކުޅުމަށް ދުނިޔޭގެ ގިނަ ބައެއްގެ ތައުރީފު އޮހެމުން އަންނައިރު، އޭނާ ވަނީ އެންމެ ފަހުން ސައުދީ ލީގުގައި ކުޅުނު ދެ މެޗުގައި ވެސް ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މި ސީޒަނުގައި މިހާތަނަށް ކުޅުނު 24 މެޗުގައި ރޮނާލްޑޯ ވަނީ 29 ގޯލް ޖަހައިދީފައެވެ.