English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ބާވީސްވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ޗިކެން ފްރައިޑް ރައިސް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

100 ގުރާމް ކުކުޅު (ބޯންލެސް)

30 ގުރާމް ކެރެޓ(ގާނާފައި)

30 ގުރާމް ކެބެޖް (ކޮށާފައި)

30 ގުރާމް ލީީކްސް

1 ރޯމިރުސް (ގްރީން ޗިލީ)

1 މޭޒުމަތީ ސަމްސާ ސޯޔާ ސޯސް

1 ސައިސަމްސާ ސެސަމޭ ތެޔޮ

1 ފިޔާ

5 ލޮނުމެދު

1 އިންޗި އިނގުރުކޮޅެއް (ގާނާފައި)

ބައި ސައިސަމްސާ މުގުރި މިރުސް

ބައި ސައިސަމްސާ މުގުރި ކޮރިއެންޑާ

ލޮނު އަދި އަސޭމިރުސް (ރަހަ ލާވަރަށް)

1 ޖޯޑުގެ ހަނޑޫ (ކައްކާފައި)

1 ބިސް

ތައްޔާރުކުރާނެ ގޮތް:

އުނދުން މައްޗަށް ތެއްޔެއް އުނދާފައި ތެލި ހޫނުވަންދެން ބަހައްޓާށެވެ.

ތެލި ހޫނު ވުމުން 2 ސަމްސާ ތެޔޮ އަޅާފައި ކުކުޅު، ކޮރިއެންޑާ، ލޮނު އަދި އަސޭމިރުސް އެއްކޮށްލާށެވެ. ކުކުޅުކޮޅު ރޯފިލުމުން ބާކީހުރި ތަރުކާރީ ތެއްޔަށްއެޅުމަށްފަހު ރޯ ފިލުވާލާށެވެ.

ތަރުކާރީކޮޅު ރޯފިލުމުން މުގުރި މިރުސް، ލޮނު އަދި އަސޭމިރުސް އިތުރަށް އަޅައި އެއްކޮށްލާށެވެ. ދެން ބިސް އަޅާފައި ދޭފަތުން އެއްކުރަމުންދާށެވެ.

ބިސް އެއްވުމުން ސޯސްކޮޅު، ޕޭސްޓް އަދި ބަތްކޮޅު އެއްކޮށްލާފައި ރަނގަޅަށް އެއްކޮށްލާފައި އުނދުންމަތިން ތެލި ބާލާށެވެ.