English Edition
Dhivehi Edition
ފޮޓޯ: ޕީއެންސީ ސޯޝަލް މީޑިއާ

“ދިވެހީންގެ ރާއްޖެ” މިސްރާބު ހާސިލްވާން އޮތީ މަޖިލިސް އިންތިޚާބުވެސް ކާމިޔާބުވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގައި ދާންދޫ ދާއިރާއަށް ވާދަކުރައްވާ ޕީީޕީއެމް/ޕީއެންސި ކެންޑިޑޭޓު މުހައްމަދު ފަޒީލް ކެމްޕެއިނު ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ “ދިވެހީންގެ ރާއްޖެ” މިސްރާބު ހާސިލްވާން އޮތީ ދެވަނަ ވޯޓެއްވެސް ކާމިޔާބު ކޮށްގެން ކަމަށާއި އެއީ މި މަހުގެ 21 ވަނަ ދުވަހު ނަގާ މަޖިލިސް އިންތިޚާބުގެ ވޯޓުކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރެއް ހޮވުމުގައި ވޯޓު އޮންނަނީ ދެ ބަޔަކަށް ބެހިފައި ކަމަށާއި އެއީ ރިޔާސީ އިންތިހާބުގެ ވޯޓާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓު ކަމަށެވެ. އަދި ރާއްޖޭގެ މިސްރާބު ގޯސްކޮށް ދާތީ ހަމަމަގުން ގެއްލިފައި އޮވެ, މިނިނިވަންކަން ގެއްލި އަދި އިގްތިސޯދު އަނދަވަޅަކަށް ދާތީ އެކަން ރަނގަޅުކުރުމަށް މިދިޔަ އަހަރު ރިޔާސީ އިންތިޚާބުގެ ވޯޓު ކާމިޔާބުކޮށް މި ސަރުކާރު ހޮވިގޮތައް އަންނަ މަޖިލިސް އިންތިޚާބުވެސް ކާމިޔާބު ކުރަން ޖެހޭކަމަށެވެ.

“މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން މި ސަރުކާރު ހޮވީ, ރާއްޖޭގެ މިސްރާބު ގޯސްކޮށް ދާތީ ހަމަމަގުން ގެއްލިފައި އޮވެ, މިނިނިވަންކަން ގެއްލި އަދި އިގްތިސޯދު އަނދަވަޅަކަށް ދާތީ އެކަން ރަނގަޅުކުރުމަށް. ހަމަ އެގޮތަށް މަޖިލިސް އިންތިޚާބުވެސް ކާމިޔާބު ކޮށްގެން ނޫންގޮތަކަށް ”ދިވެހީންގެ ރާއްޖެ” މިސްރާބު ހާސިލެއް ނުވާނެ.” ރައީސް ވިދާޅުވިއެވެ.

މީގެ 21 ދުވަސް ފަހުން އޮންނަ މަޖިލިސް ވޯޓުވެސް ކާމިޔާބުކޮށް، ރިޔާސީ އިންތިހާބުގައި ނެގި ވޯޓު ފުރިހަމަކުރުމުގެ މަސައްކަތް އޮތީ ރައްޔިތުންގެ އަތްމަތީ ގައި ކަމަށާއި، މިކަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ފުންކޮށް ވިސްނުމަށްފަހު ގޮތް ނިންމުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި މި އިންތިޚާބުގައި ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓުން ހޮވައި ދިނުމަށް ރައީސް ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރު ތާއީދުކުރާ ކެނޑިޑޭޓުން ހޮވުމަކީ އެ ކެނޑިޑޭޓެއް ނިސްބަތްވާ ދާއިރާގައި ރައްޔިތުން ބޭނުންވާ ކަންކަން ފަހިކުރުމަށް ސަރުކާރުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކޮށް ނިންމުމަށް ވެސް މުހިންމު ކަމެއްކަމަށެވެ.