English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

މިއަހަރު ނިމުމުގެ ކުރިން ބޭސް ފަރުވާއަށް ތައިލެންޑާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދެވޭނެ އިންތިޒާމްތައް ހަމަޖެހިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

‘ސަންގު ޓީވީ’ ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ރައީސްވަނީ ދުބާއީ އަދި ތައިލެންޑް ފަދަ ގައުމުތަކަށް ބޭސް ފަރުވާއަށް ރައްޔިތުން ފޮނުވުމަށް ވެވަޑައިގެން ވައުދާއި އެއްގޮތަށް އެކަން ކުރަން ފެށުމުން ދައުލަތަށް އެ ހަރަދު ދެވޭނެކަމަށް ވިދާޅުވެފައެވެ.

“މިނިސްޓަރަށް މިކަމާއި ގުޅޭ މައުލޫމާތު ހިއްސާ ނުކުރެވުނީ ތަފްސީލް ތައްޔާރު ނުވާތީ. އާސަންދަ އާއި، އެންސްޕާ އަދި ފިނޭންސް މިނިސްޓްރީ އާއި އެކު މިނިސްޓަރުގެ ބެލުމުގެ ދަށުން މި މަސައްކަތްތައް ދަނީ ކުރަމުން. ” އިކޮނޮމިކް ކައުންސިލްގެ ބައިވެރިވުންވެސް މި މަސައްކަތުގައި ހިމެނޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާސަންދަ ހިދުމަތް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް، ޔޫއޭއީ އަދި ތައިލެންޑުން ވެސް އެ ހިދުމަތް ލިބޭގޮތަށް އާސަންދަ ހިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.