English Edition
Dhivehi Edition

ބަދުރު ހަނގުރާމައިން އަދުލުވެރިކަމާއި، މަޝްވަރާކުރުމުގެ މަތިވެރި ފިލާވަޅު ލިބިގެންދާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

“ކާމިޔާބީތަކެއްގެ މައްސަރު” މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ ބަދުރު ހަނގުރާމައިން އަދުލުވެރިކަމާއި، މަޝްވަރާކުރުމުގެ މަތިވެރި ފިލާވަޅު ލިބިގެންދާކަމަށާއި އިސްލާމްދީނުގެ އަގީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ދެންހުރި ހުރިހާކަމެއް ފަސޭހަވާނެކަމަށް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ބުނީ ބަދުރު ހަނގުރާމައިގައި ބަފައިން ދަރިންނާއި، ދަރިން ބަފައިންނާ އަޚުން އަޚުންނާއި، ގާތްތިމާގެމީހުން ގާތްތިމާގެމީހުންނާ އަދި ރައްޓެހިން ރައްޓެހިންނާ ހަނގުރާމަ ކުރިކަމަށާއި އަދި މިމައްސަރުގައި ދެއްވި އަނެއް ކާމިޔާބީއަކީ ހިޖުރައިން އަށްވަނަ އަހަރުގެ ރަމަޟާން މަހު، ވިހިވަނަ ދުވަހު ދެއްވި މައްކާ ފަތަހަކުރެއްވުމުގެ ކާމިޔާބީ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ މިއަދުވެސް ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެ މިފަދަ މިސާލުތައް ފެންނާން އެބަހުރި ކަމަށާއި ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމައިގައިވެސް އެބައިމީހުންގެ ހިތްވަރާއި އަޒުމުގެ ވަރުގަދަކަން ހާމަވަގެންދާ ކަމަށެވެ. އަދި ހެއްދެވިފަރާތަށް އޮތް އިތުބާރުގެ ބޮޑުކަން ދެކި އެކަންކަމުން އިބުރަތް ލިބިގަތުމަށް ޚުތުބާގައި ވަނީ އެދިފައެވެ. މުސްލިމުންގެ މޮޓޯ އަކީ “މާތް اللهُ ގެ މަގުގައި ޝަހީދުވުން، ނުވަތަ ނަޞްރު ލިބުން” ކަން ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ މިމައްސަރުގައި ދެއްވާފައިވާ އަނެއް ކާމިޔާބީއަކީ މީހާގެ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމުގެ ފުރުސުތު ކަމަށެވެ. އެއީ ލައިލަތުލް ޤަދުރި ވިލޭރޭގެ މަތިވެރި ފުރުސަތު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

”އެރޭގެ ހެޔޮކަން އެއްހާސް މައްސަރުގައި ކޮށްފައިވާ ހެޔޮކަމަށްވުރެ ބޮޑެވެ. އެރެޔާބެހޭ ގޮތުން މާތް اللهُ وَحِى ކުރައްވާފައި ވެއެވެ. މާނައީ: “لَيْلَةُ الْقَدْرِ ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.” އެއްހާސް މައްސަރަކީ ގާތްގަނޑަކަށް އަށްޑިހަ ތިން އަހަރާއި ހަތަރު މަހެވެ. މި މާތް ރޭގެ މަތިވެރިކަން ލިބިގަތުމަށްޓަކައި ރަމަޟާން މަހުގެ ފަހުދިހައިގާ އިތުރަށް ހީވާގިވާށެވެ! ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. (تَـحَرَّوْا لَيْلَةَ الْقَدْرِ فِي الْوِتْرِ مِنَ الْعَشْرِ الْأَوَاخِرِ مِنْ رَمَضَانَ)[7] މާނައީ: “ތިޔަބައިމީހުން ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުން ލައިލަތުލް ޤަދުރި ވިލޭރޭ ލިބިގަންނާށެވެ!” ޚުތުބާގައި ބުނެފައިވެއެވެ.