English Edition
Dhivehi Edition

ރަމަޟާންމަހުގެ ރޯދައަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ޢަބްދުﷲ ބިން ޢުމަރު رضي الله عنهما ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((بُنِيَ الإِسْلامُ عَلَى خَمْسٍ : شَهَادَةِ أَنْ لا إِلَهَ إِلا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ ، وَإِقَامِ الصَّلاةِ ، وَإِيتَاءِ الزَّكَاةِ ، وَالْحَجِّ ، وَصَوْمِ رَمَضَان)) [رواه البخاري في صحيحه برقم: (8) ومسلم في صحيحه برقم: (18)]

މާނައީ: “އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ ﷲ ފިޔަވައި ޙައްގުގޮތުގައި އަޅުކަންވެވޭ އިލާހެއް ނުވާކަމަށް ހެކިވުމާއި ، މުޙައްމަދު صلى الله عليه وسلم އީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި ނަމާދު ޤާއިމު ކުރުމާއި ޒަކާތް ދިނުމާއި ޙައްޖުވުމާއި އަދި ރަމަޟާންމަހުގެ ރޯދަ ހިފުމެވެ.”

ޝަރުޢީ ޢުޒުރަކާ ލައިގެން މެނުވީ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި މުސްލިމަކު ރޯދަ ދޫކޮށްލުން ހުއްދަވެގެން ނުވެއެވެ. ފަހެ ޢުޒުރަކާ ނުލައި ރަމަޟާންމަހުގެ ރޯދަ ދޫކޮށްފި މީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ. އަދި އޭނާގެ ނަފްސު ﷲގެ ކޯފާއާއި ޢަޛާބަށް ހުށައަޅައިފިއެވެ. އަދި ފާފައަށް ތައުބާވެ ﷲގެ މަގަށް ރުޖޫޢަވެ، ދޫކޮށްލި ރޯދަ ޤަޟާކުރުން އޭނާގެ މައްޗަށް ލާޒިމުވެގެން ވެއެވެ.

ޝައިޚް ޢަބްދުލްޢަޒީޒް އިބްނު ބާޒް رحمه الله ވިދާޅުވެފައިވެއެވެ.

“ޝަރުޢީ ޢުޛުރެއް ނެތި ރަމަޟާން މަހުން ރޯދައެއް ދޫކޮށްފިމީހާ ފަހެ ހަމަކަށަވަރުން ބޮޑުވެގެންވާ މުންކަރާތަކައިގެން އަތުވެއްޖެއެވެ. އަދި އޭނާ ތައުބާ ވެއްޖެނަމަ ﷲ ތައުބާ ލައްވަތެވެ. ފަހެ އޭނާގެ މައްޗަށްވަނީ ތެދުވެރިކަމާއެކު ތައުބާވުމެވެ. އަދި އޭނާއަށް ކުރެވުނު ޢަމަލުގެ މައްޗަށް ހިތާމަކުރުމެވެ. އަދި އެޢަމަލު ނުކުރުމަށް ޢަޒުމް ކަނޑައެޅުމެވެ. އަދި ގިނަގިނައިން އިސްތިޣްފާރު ކުރުމެވެ. އަދި އޭނާގެ މައްޗަށް ވަނީ ދޫކޮށްލެވުނު ރޯދަ ޤަޟާކުރުމަށް އަވަސްވެގަތުމެވެ.”

އަދި ޝަރުޢީ ޢުޛުރަކާ ނުލައި ރަމަޟާންމަހުގެ ރޯދަ ދޫކޮށްލުމުގެ ޙުކުމާ މެދު ޝައިޚް އިބްނު ޢުޘައިމީން رحمه الله އާއި ސުވާލު ދެންނެވުމުން ވިދާޅުވިއެވެ.

“ޢުޛުރަކާ ނުލައި ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެކަމުގެ ސަބަބުން އޭނާ ފާސިޤެއްކަމުގައި ވެގެން ދެއެވެ. އަދި އޭނާގެ މައްޗަށް ވާޖިބު ވެގެންވަނީ ﷲއަށް ތައުބާވުމެވެ. އަދި އޭނާ ދޫކޮށްލި ރޯދަ ޤަޟާކުރުމެވެ.”

އަދި ހަމަ އެހެންމެ ޢުޛުރަކާ ނުލައި ރަމަޟާންމަހުގެ ރޯދަ ދޫކޮށްލުމަކީ އާާޚިރަތުގައި އެމީހަކަށް ވޭންދެނިވި ޢަޛާބު ލިބެނިވި ކަމެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ އުމާމާގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޡްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެހީމެވެ.

((بَيْنَا أَنَا نَائِمٌ إِذْ أَتَانِي رَجُلَانِ، فَأَخَذَا بِضَبْعَيَّ، فَأَتَيَا بِي جَبَلًا وَعْرًا، فَقَالَا: اصْعَدْ، فَقُلْتُ: إِنِّي لَا أُطِيقُهُ، فَقَالَا: إِنَّا سَنُسَهِّلُهُ لَكَ، فَصَعِدْتُ حَتَّى إِذَا كُنْتُ فِي سَوَاءِ الْجَبَلِ إِذَا بِأَصْوَاتٍ شَدِيدَةٍ، قُلْتُ: مَا هَذِهِ الْأَصْوَاتُ؟ قَالُوا: هَذَا عُوَاءُ أَهْلِ النَّارِ، ثُمَّ انْطُلِقَ بِي، فَإِذَا أَنَا بِقَوْمٍ مُعَلَّقِينَ بِعَرَاقِيبِهِمْ، مُشَقَّقَةٍ أَشْدَاقُهُمْ، تَسِيلُ أَشْدَاقُهُمْ دَمًا قَالَ: قُلْتُ: مَنْ هَؤُلَاءِ؟ قَالَ: هَؤُلَاءِ الَّذِينَ يُفْطِرُونَ قَبْلَ تَحِلَّةِ صَوْمِهِمْ)) [روى ابن خزيمة (1986) وابن حبان (7491) وصححه الألباني في السلسلة الصحيحة (3951)]

މާނައީ: “އެއްރެއަކު ތިމަންކަލޭގެފާނު އަވަހާރަފުޅު ލައްޕަވައިގެން އޮންނަވަނިކޮށް (ހުވަފެންފުޅުގައި) ތިމަންކަލޭގެފާނުގެ އަރިހަށް ދެބޭކަލަކު އަތުވެއްޖެއެވެ. ދެން އެދެބޭކަލުން ތިމަންކަލޭގެފާނުގެ ދެއަތްޕުޅުގައި ހިއްޕަވައިގެން އަރަން އުނދަގޫ ފަރުބަދައެއްގެ ކައިރިއަށް ހިނގައްޖެއެވެ. ދެން ތިމަންކަލޭގެފާނަށް ދަންނަވައިފިއެވެ. އަރައިވަޑައިގަންނަވާށެވެ! ފަހެ ތިމަންކަލޭގެފާނު ދަންނަވައިފީމެވެ. ތިކަން ކުރެއްވުން ތިމަންކަލޭގެފާނަށް ކުޅަދާނަވެގެން ނުވެއެވެ. ދެން އެދެމީހުން ދަންނަވައިފިއެވެ. ހަމަކަށަވަރުން ތިމަންމެން ކަލޭގެފާނަށް އެކަން ފަސޭހަކޮށްދެއްވާ ހުށީމުއެވެ. ދެން އެ ފަރުބަދައިގެ މެދާ ހަމައަށް ދެވެންދެން ތިމަންކަލޭގެފާނު އަރައިވަޑައިގެންފީމެވެ. ކުއްލިއަކަށް ވަރުގަދަ އަޑުފަށްގަނޑެއް ތިމަންކަލޭގެފާނަށް އިވިވަޑައިގެންފިއެވެ. ތިމަންކަލޭގެފާނު ދަންނަވައިފީމެވެ. އެއީ ކޮންއަޑުފަށްގަނޑެއް ހެއްޔެވެ؟ އެބޭކަލުން ދަންނަވައިފިއެވެ. އެއީ ނަރަކަ ވަންތަވެރިން ހޭރޭ އަޑުފަށްގަނޑެވެ. ދެން އެމީހުން ތިމަންކަލޭގެފާނު ގޮވައިގެން ހިނގައިގެންފިއެވެ. ފަހެ ކުއްލިއަކަށް ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ އެކޮޅުކޮޅުން އެލުވިފައިވާ ބަޔެކެވެ. އެއުރެންގެ މިޔަކަނިތައް (އަނގައިގެ ދެކޮޅުން ދެތުންފަތް ގުޅޭތަން) ވަނީ އިރައިލެވިފައެވެ. އަދި އެމިޔަކަނިތަކުން ލޭފައިބަފައިބާ ހުއްޓެވެ. ތިމަންކަލޭގެފާނު ދަންނަވައިފީމެވެ. މިއީ ކޮންބައެއް ހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. މިބައިމީހުންނަކީ ރޯދަވީއްލާ ވަގުތު ނުޖެހެނީސް ރޯދަވީއްލައި އުޅުނު މީހުންނެވެ.”

މި ޙަދީޘް ޞައްޙަ ކުރެއްވުމަށްފަހު އިމާމު އަލްބާނީ رحمه الله ވިދާޅުވިއެވެ.

“މިއީ ރޯދައަށް ހުރެ ރޯދަވީއްލާ ވަގުތު ޖެހުމުގެ ކުރިން ގަސްތުގައި ރޯދަ ވީއްލާ މީހުންނަށް ހުރި ޢުޤޫބާތެވެ. ވީއިރު އެކީއެކަށް ރޯދަ ނުހިފާ މީހާ ވާނީ ކޮން ޙާލެއްގައިތޯއެވެ؟”

އަދި الحافظ الذهبي رحمه الله އެކަލޭގެފާނުގެ الكبائر އޭ ކިޔުނު ފޮތުގައި ވިދާޅުވެފައިވެއެވެ.

“ހަމަކަށަވަރުން އެއްވެސް ބައްޔަކާ ނުލައި ރަމަޟާންމަހުގެ ރޯދަ ދޫކޮށްލައިފި މީހާ ދަންނައެވެ. ޒިނޭކުރާ މީހަކަށްވުރެ އަދި ރާބުއިމުގައި ދެމިހުންނަ މީހަކަށްވުރެ އޭނާ ނުބައިވެގެންވާކަން ހުރިހާ މުއުމިނުންގެ ގާތުގައި ޡާބިތުވެ ކަނޑައެޅިގެންވެއެވެ. އަދި ކިއެއްތަ! އޭނާގެ އިސްލާމްކަމާ ދޭތެރޭގައިވެސް އެބައިމީހުން ޝައްކު ކުރެތެވެ. އަދި އޭނާއަކީ ޒިންދީގެއް ކަމުގައްޔާއި ސޫފީއެއް ކަމުގައިވެސް ދެކެތެވެ.”

އެހެންކަމުން އެފަދަ ޢަމަލަކަށް އަރައިގަނެވިފައިވާނަމަ އަވަހަށް ﷲގެ މަގަށް ރުޖޫޢަވެ ތައުބާވުން އަވަސްކުރައްވާށެވެ. އެދުވަހުން ﷲގެ ހަޟްރަތުގައި ހުއްޓި ހުންނަންޖެހޭ ދުވަހަށް ބިރުވެތިވެ ރައްކާތެރިވާށެވެ. ފާފަ ކުރެވުނު ކަމުގައިވިޔަސް ﷲގެ ހަޟްރަތުން މާޔޫސްވެ އުންމީދު ކަނޑާ ނުލާށެވެ. އަދި ދަންނާށެވެ! ﷲއީ ހެޔޮގޮތުގައި ތައުބާވާ މީހުންގެ ތައުބާ ޤަބޫލު ކުރައްވާ އިލާހެވެ. އެއީ ރަޙްމާން ވަންތަ، އަޅުތަކުންނަށް އޯޤާވެވޮޑިގަންނަވާ އިލާހެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.

 

މަޢުލޫމާތު: ދިސަލަފިއްޔާ