English Edition
Dhivehi Edition

އެ ގިނަވާގޮތީ ތައްޖަހާއިރު ތައްޖަހަނީ ފޯދިފާހުންނަ ރުއް ގަހުގައެވެ. އަދި ތައް ޖަހަނީ ތިން އަހަރުން ހަތަރު އަހަރުން ކަމަށް ވެފައި ތައް ޖެހުމުގެ ކުރީގައި އެ ރުއްގަސް ހުންނަނީ އިންދި މީހުންނަށް ކަމަށްވާތީއެވެ. ވީމާ ބަނބުކޭލުގެ ނިސްބަތަށް ބަލާއިރު ގޮއިގަނޑު ގެ ބަނބުކެޔޮވާނީ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައިވަރެވެ. ބަނބުކެޔޮ ކަނޑާރޭ އަމިއްލަ އެންމެ ގަހެއް ނުހުންނަ ފަގީރުންވެސް ގިނައިން ބަނބުކެޔޮ ހަރުވި މޫސުމެއްގައިނަމަ ދަށަށް ވެއްޓޭ ދޮން ބަނބުކޭލާއި އަދި މީސްމީހުން ކަނޑާ ބަނބުކެޔޮ ގަސްދަށަށް ގޮސްގެން ލިބޭ ބަނބުކޭލާއި އެއްކޮށް ހިއްކައި މީހެއްގެ މައްޗަށް 3 ބަސްތާ 4 ބަސްތާ ހިއްކައެވެ. ވީމާ ގިނައިން ގަސްތައް ހުންނަ ގަސްވެރީންނަށް ބަނބުކެޔޮ ހިކޭނޭ އަދަދެއްގެ އަންދާސީ ތިޔަ ބޭފުޅުންގެ ޚިޔާލަށް ދޫކޮށްފައި ބަނބުކެޔޮ ނިކުންނަ މޫސުމް ތައް ދަންނަވަމެވެ.

އެއީ އައްސިދަ، އަދަ، ހަތަހިތަ މޫސުމެވެ. މި ތިން މޫސުމުން ގިނައިން ބަނބުކެޔޮ ނިކުމެ ހަރުވާނީ އައްސިދަ މޫސުމާއި ހަތަހިތަ މޫސުމާއި ދެ މޫސުމުގައެވެ. (ހުޅުމީދޫ، ހިތަދޫގެ ބައެއް ބެއިބެއިފުޅުންގެ ރުއްގަސްތައް ވެސް ގަމުގައި ހުރެއެވެ)

މަޝްހޫރު ބޮޑެތި ބަނބުކެޔޮ ގަސްތައް:

ތޭރަށްބަނާގަހާއި ކޮށާރުމަތީގަސް، މާލެދިޔަ ގަހާއި ބާރަން ބައިގަސް، ރުއްވެއްޓުނު ގަހާއި ތެއްލޯގަނޑުމަތީގަސް، ކަފަގަހާއި ކޮށިގަސް، އިފަގިނަ ގަހާއި އެއްގަނޑުވަރުދޮށު ބޮޑުގަސް، ދޮންރަނާގަހާއި ވަޅުގަނޑު ގަސް، ކީރުގަނޑުމަތީގަހާއި އަރާއިރު ބޮޑުގަސް، އޮޅުކޮޅު ގަހާއި ތިރިގަސް، ފިލިގަސްދޮށު ބޮޑުގަހާއި މެދުގަނޑުވަރުދޮށު ބޮޑުގަސް، މައިގޭގެ ވަޑުކޭކުދުގަހާއި ދެފުޅަށް ދޭތެރޭ ބޮޑުގަސް، ފަޅުގެވަޑުބޮޑު ގަހާއި ފަޅުގެވަޑު އުންތޫނުގަސް، ފޭރަންމަތީ ބޮޑު ގަހާއި ފޮޅިފަޅު ބޮޑުގަސް، ޖެހިބަނބުކެޔޮގަހާއި މަޑިސީލަގަސް މިއީ މިވާހަކައިގެ މައުލޫމާތުގެ އަހުލުވެރިން ހަނދާން ހުރި ގަސްތަކެވެ. ހަނދާން ނެތުމުގެ ތެރެއަށް ކިތަންމެ ގަހެއް ގެއްލިއްޖެކަމަށް އެބޭކަލުން ބުނުއްވިއެވެ. މިއިން ކޮންމެ ގަހަކީވެސް ރަނގަޅަށް ބަނބުކެޔޮ ހަރުވީ މޫސުމެއްގައިނަމަ އަށް ސަތޭކަ ، ނުވަ ސަތެކަ ކެނޑުނު ގަސްގަހެވެ. އަދި ބައެއް ގަހުން 1000 ވެސް ކެނޑެއެވެ. މިއީ ހައްތާވެސް އެކި އެކި މީސްމީހުންގެ ގަސްގަހެވެ. ޝައްކެއްނެތް ގޮތުގައި ބަނބުކެޔޮ މޫސުމްތަކުގައި ހަމައެކަނި ބަނބުކޭލުންވެސް އަތޮޅުގެ މައީޝާ ހަމަޖައްސާލަދިނުމަކީ ގަމަކަށް މާބޮޑުކަމެއް ނޫނެވެ. މި ބަޔާންވެދިޔަ ބަންޑާރަގަނޑުގަނޑާއި ބީވާތަކުގެ ތެރެއިން ހުކުރުމިސްކިތު ވަގުފު އަށް އޮންނަ މޫދުގަހު ބޮޑު ބީވާ ފިޔަވައި އެހެން އެއްވެސް ބަންޑާރަގަނޑެއް ބީވާއެއް ގަމު މީހަކަށް ކުރީގެ އެއްވެސް ޒަމާނެއްގައި ނުވެއެވެ. ނެތި އޮއްވާ 1367 ހ. ވަނަ އަހަރު ސިލޯނު ދަތުރުކުރަން ގޮސްފައި ސ. ގަމު އީދުގަލިގޭ އަލްފާޟިލް އަލީ ޙަސަން މަނިކުފާނު (މިހާރު ސ.ފޭދޫ އަޅިވިލާގެ އަލްފާޟިލް އަލީ ޙަސަން މަނިކުފާނު) އާއި އަލްފާޟިލް އަލްމަރުޙޫމް ފާތުމާފުޅުގެ އަލިފުތާއާއި ދެމީހުން ގަމުގެ ރައްޔިތުންނަށް ގަމުގެ ބަންޑާރަ ގަނޑެއް ލިބޭތޯ މަސައްކަތް ކުރުމަށް ޚިޔާލުކޮށްފިއެވެ. އަދި މިއަހަރަކީ އެންމެފަހުން ކުޅަ ބޮނޑުހަނގުރާމައިގެ ދުވަސްވަރު ގަމުގައި އިނގިރޭސިން ތިބިތިބުމާއި ވިދިގެން ގަމު މީހުން ގަމުން ފައިބައިގެންގޮސް މާމެންދޫގައި ތިއްބާ “ހަނގުރާމަ” ހުއްޓި އިނގިރޭސިން ގަމުން ފައިބައިގެން ދިއުމަށްފަހު މާމެންދޫގައި ތިބި ގަމު މީޙުން އަނެއްކާވެސް ގަމަށް ދިޔަ އަހަރެވެ. އަދި އެއީ ސުމުއްވުލް އަމީރު އަލްޙާއްޖަ އަލްމަރުޙޫމް އަބްދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނުންގެ މުސްތަޝާރުލް އައުޟަމް ކަމުގެ ދަށުން އަލް އަމީރު އަލްމަރުޙޫމް މުޙައްމަދު އަމީންދީދީ ރާއްޖެ ހިންގަވަން ފަށައިގަތް ފަށައިގަތް ދުވަސްވަރެވެ. ދެން އަލްފާޟިލް އަލީ ޙަސަން މަނިކުފާނާއި އަލްފާޟިލް އަލްމަރުޙޫމް އަލިފުތާ އާއި ދެމީހުން ވާހަކަދައްކައި އެއްބަސްވުމަށްފަހު ފުރަތަމަ ދިޔައީ ރަންނަބަނޑޭރި ކިލެގެފާނުންގެ އަރިހަށެވެ. ގޮސްގެން އެކަލޭގެފާނުންގެ ފައިވާންފުޅު ނުފެނިގެން ކިލެގެ އަރިހުގައި މިހާރު ގަމު މީހުން މާމެންދޫއިން ގަމަށް ގޮސްގެން އުޅޭ ވާހަކަ އާއި ރަށާއި ރައްޔިތުންގެ ޙާލު ހުރި ގޮތުގެ ވާހަކަ ސާފުކޮށް ދަންނަވައި ރައްޔިތުންނަށް ގަމުގެ ބަންޑާރަގަނޑުތައް ދެއްވުމަށް އެދި ދަންނަވައިފިއެވެ.

ކިލެގެފާނު މިދެމީހުންގެ ވާހަކަ އައްސަވައި ގަބޫލުފުޅު ކުރައްވައި ތިޔަ ދެމީހުން މުޙައްމަދު އަމީން ކޮއްކޮ ކައިރިއަށް ދިއައީމާ ތިކަން ހަމަޖެހިދާނެ ވާހަކަ ވިދާޅުވެއްޖެއެވެ. އެދުވަސްވަރަކީ އަމީންދީދީ ސިލޯނުގައި ވަޑައިގެން ހުންނެވި ދުވަސްވަރަކަށް ވުމާއެކު އެދެމީޙުން ފަހުން ދިޔައީ އަލްއަމީރު މުޙައްމަދު އަމީންގެ އަރިއަހަށެވެ. ގޮސްގެން ކުރީދުވަހު ކިލެގެފާނު އަރިއަހަށް ދިޔަ ވާހަކައާއި އަދި ޙާލު ހުރިގޮތުގެ ވާހަކަ ތަފްސީލްކޮށް އަލްއަމީރު މުޙައްމަދު އަމީން ދީދީގެ އަރިހުގައި ވެސް ދަންނަވައިފިއެވެ. އަމީންދީދީގެ ޖަވާބުފުޅު ވަރަށްވެސް ކުރުވެފައި ސާފެވެ.

ވިދާޅުވީ ތިޔަ ދެމީހުން މާލެ ދިޔައިމާ ތިޔަކަންތައްތައް ހަމަ ޖެހިދާނެއެވެ. ތިމަން ދީދީވެސް މިއުޅެނީ މާދަންނޫން އަނެއް ދުވަހު ފުރާށެވެ. ދެން އެދެމީހުން ސިލޯނު ދަތުރު ނިމިގެން މާލެއަތުވެއްޖެއެވެ. މާލެއައިސް އަމީންދީދީގެ އަރިއަހަށް އޮފީހަށް ހނގައްޖެއެވެ. ދިޔައީމާ ދެމީހުންކުރެން އަނެއްކާވެސް އަމީން ދީދީ ޚަބަރު ވާހަކަ އައްސަވައި ހެއްދެވުމަށް ފަހު ގަމުގެ ގޮއިގަނޑާއި، ތިން ބީވާއާއި އެކަށީގެންވާ ކުޑަ ވަރުވާއަކަށް ގަމުގެ ރައްޔިތުންނަށް ލިޔެދެއްވައިފިއެވެ.

މިދަތުރު އެމީހުން ރަށަށް ދިޔައީ ގަމުގެ ވެރިންނާއި ރައްޔިތުން ނުވެސް ދެނެ ތިއްބާ ގަމުގެ ގޮއިގަނޑާއި ބީވާތައް ރައްޔިތުންގެ ނަމުގައި ލިޔުއްވައިގެންނެވެ. ސ.ގަމުގެ ރައްޔިތުންނަށް އެ ދެމީހުން އެ ކޮއްދެއްވީ ކޮންފަދަ ފައިދާހުރި ޚިދުމަތެއްތޯއެވެ. އާދޭހެވެ. އެކަމަށްޓަކައި ގަމުގެ ރައްޔިތުންނާއި ވެރީން އެ ދެބޭކަލުންނަށް ޝުކުރުވެރިވުން ހައްގުވަނީ ނިހާޔަތަށެވެ.

އަދި އެދުވަސްވަރު ގަމުގެ އިސްވެރިއަކަށް ހުންނެވީވެސް ރައްޔިތުންނަށް ނުހަނު އޯގާވެރި ރައްޔިތުންގެ އާމްދަނީ އިތުރު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވެވި އަލްފާޟިލް އަލްމަރުހޫމް ދޮންރަހާ ކަތީބެވެ. އެހެންކަމުން އާދެ! އެހެންކަމުން އަދި އަދަށް ދާންދެންވެސް އަތޮޅުގެ އެހެން ރަށްރަށާއި ޚިލާފަށް ގަމު ރައްޔިތުންގެ (މިހާރު ފޭދޫ ރައްޔިތުންގެ) ނަމުގައި ފައިސާތަކެއް ޖަމާވެފައި ހުރި ކަމުގެ އަސްލަކީ މި ތިން ބެއިކަލުންގެ ހިއްމަތާއި މަސައްކަތެވެ. މިކަމަށްޓަކައި އެ ތިންބޭކަލުންނަށް ޝުކުރު އަދާކުރަމުން މި ބާބު ނިމުނީއެވެ.

-ނުނިމޭ-

ނޯޓް: މިއީ ސ.ފޭދޫ ޕެންޒީމާގޭ އަލްމަރުޙޫމް އަޙްމަދު ޙަސަން މަނިކުފާނު 1978ގައި އައްޑޫގައި ނެރުނު “މިލާބު” މަޖައްލާއަށް “އައްޑޫގަން” މި ނަމުގައި ލިޔުއްވާފައިވާ އައްޑޫގެ ތާރީޚާ ގުޅޭ މުހިއްމު ވާހަކަތަކެއް ހިމެނޭ ލިޔުމެކެވެ.