English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްވެސް، ހަތަރު މަސް ވަންދެން ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ އެމްޑީޕީ އަތުގައި ކަމަށާ އެހެންނަމަވެސް އެ ޕާޓިން ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދެވިފައިނުވާކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތ.ވިލުފުށީ ދާއިރާއަށް ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ހަސަން ވަހީދުގެ ކެންޕޭން ޖަގަހަ ހުޅުވުމަށް ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ދޭން ބުނި ފްލެޓްތަކާއި ގޯތިތައް ދިނުމަށް, އެ ޕާޓީން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ މެޖޮރިޓީ އަށް އެދެމުންދާ އަޑު ވަރަށް ގަދައަށް އިވެމުންދާ ކަމަށެވެ. އެހެންނަމަވެސް ހަތަރު މަސް ވަންދެން އެ ޕާޓީ އަތުގައި ސުޕަމެޖޯރިޓީ އޮވެ އެ ޕާޓިން ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދެއްވާކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ ފަސް އަހަރު ރައްޔިތުންނަށް ކޮށްދޭން ބުނި ކަންތައްތައް ކޮށްދޭން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެ ޕާޓީއަށް ދޭންޖެހޭތޯ ރައީސް ވަނީ ސުވާލުކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ އެކަމަކީ ރައްޔިތުން ވިސްނަންވެއްޖެ ކަމަށާއި އެކަމާ ވިސްނާލުމުން އެއީ އެއްވެސް އިޚްލާސްތެރިކަމެއްނެތި ދައްކާ ވާހަކައެއްކަން ފަހުމުވާ ކަމަށެވެ. އަދި މިދިޔަ ސަރުކާރު ނިމިގެން ދިޔައީ އެތައް ބިލިއަން ޑޮލަރެއްގެ ލޯންތައް ނަގައި 120 ބިލިއަން ރުފިޔާގެ ދަރަނި ދިވެހިންގެ ބޮލުގައި އަޅުވައި އެ ލޯންތައް ދެއްކޭނެގޮތް ނުދައްކާކަމަށް ރައީސް ވިދާޅުވިއެވެ.