English Edition
Dhivehi Edition
ހޯމް މިނިސްޓަރު އަލީ އިހްސާން

ކާފަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ބަންދުގައި ހުރި ކާފަ ދޫކޮށްލީ ކޯޓުން ކަމަށާއި އެއީ ސަރުކާރުން ކުރި ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ތ.ވޭމަންޑޫގައި އުމުރުން 13 އަހަރުގެ ކާފަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކާފަ ބަންދު ދޫކޮށްލުމަށް ކޯޓުން އަމުރު ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން އިހްސާން “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަހުގީގު ނިމެންދެން ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ދޫކުރުން ނުވަތަ ލުއި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެ ނިންމުން ނިންމާނީ ރާއްޖޭގެ ކޯޓުތަކުން ކަމަށް އަލީ އިހްސާން ވިދާޅުވިއެވެ. ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި މިފަދަ ކަންކަން ސާފުވުން މުހިންމުކަމުގައި އަލީ އިހްސާން ވިދާޅުވިއެވެ.

” މީގެ ދެތިން ދުވަސް ކުރިން ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގިކަމުގެ ދައުވާގައި ބަންދުގައި ހުރި މީހަކު ކޯޓުން ދޯކޮށްލުމުން އެކަން ހިނގި ގޮތް ރައްޔިތުންނަށް އޮޅުވާލަމުން ދާތީ އެކަން ސާފުކޮށްދެން. އެ ނިންމުމަކީ ކޯޓުގެ ނިންމުމެއް. ސަރުކާރުގެ ނިންމުމެއް ނޫން. އެ ނިންމުން ޕީޖީން ދަނީ އިސްތިއުނާފު ކުރަމުން.” އަލީ އިހްސާން ވިދާޅުވިއެވެ.