English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރައިވަޑައިގެންފިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޢަބްދުލް ރައްޒާޤާއި، އެމަނިކުފާނުގެ އަނބިކަނބަލުން ދާތިން ޕަދުކާ ސެރީ ރޮސްމާހް މަންސޫރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ފުރައިވަޑައިގެންނެވީ މިއަދު މެންދުރުފަހުއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެދެކަނބަލުންނަށް އަލްވަދާޢު ވިދާޅުވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދުގެ ދެކަނބަލުންނެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައިފައެވެ.

ރަސްމީ ވާހަކަފުޅުތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ އެކި ދާއިރާތަކުން ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭ ގޮތުން ކަމަށް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ފެންވަރުގައި ދެޤައުމުގެ ޝައުޤުވެރިކަން ހުރި މައްސަލަތަކާބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ.

މިދަތުރުފުޅުގައި ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ސަލާމަތީ ދާއިރާގެ އިތުރުން ދެޤައުމުގެ ދެމެދުގައިވާ ޘަޤާފީ ގުޅުމުގެ ދާއިރާގެ އެއްބަސްވުންތައް ހިމެނޭކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.