English Edition
Dhivehi Edition

ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ގިނަ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޢަބްދުލް ރައްޒާޤާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރާއްޖެ ވަޑައިގެން މެލޭޝިއާ ބަހުން ކުރެއްވި ޓުވީޓެއްގައި ބޮޑުވަޒީރު ވިދާޅުވީ މިހާރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގައި ކަމަށާއި އިރާދަކުރެއްވިއްޔާ ތަފާތު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށެވެ. އެގޮތުން ގުޅުން ބަދަހިކުރައްވާނެ ދާއިރާތަކުގެ ތެރޭގައި ސިއްހަތާއި ޓޫރިޒަމް އަދި މަތީ ތައުލީމްގެ ދާއިރާ ހިމެނޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި މެލޭޝިޔާގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ބޭއްވުމަށާއި، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްބަސްވުންތަކުގައި ސޮއިކުރުން އޮންނާނީ މިއަދު ރައިސް އޮފީހުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އެޤައުމުގެ ބޮޑު ވަޒީރުކަމާ ނަޖީބު ހަވާލުވެވަޑައިގަތުމަށްފަހު މިއީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ.