ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. އެއްބަސްވުންތަކުގައި ސޮއިކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދު ފުރަތަމަ ސޮއިކުރައްވައިފައިވަނީ މެލޭޝިއާގައި ރާއްޖޭގެ ސަގާފީ މަރުކަޒެއް ހުޅުވުމުގެ އެއްބަސްވުމުގައެވެ. މިއެއްސްބަވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، މެލޭޝިޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދާތޯ ސްރީ ރީޒަލް މެރިކަން ނައިނާ މެރިކަން އެވެ.
މިއަދު ސޮއިކުރެއްވި އެއްބަސްވުން ތަކުގެ ތެރެއިން އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމާބެހޭ ތަމްރީނާ ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއިކުރެއްވިއެވެ. އޭގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އާދަމް ޝަރީފާއި، މެލޭޝިޔާގެ މިނިސްޓަރ އާބަން ވެލްބީންގ އެންޑް ލޯކަލް ގަވަމެންޓް، ޓާން ސްރީ ނޫހް ބިން ހާޖީ އުމަރެވެ.
މަތީ ތައުލީމާ ބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢައިޝަތު ޝިހާމާއި، މެލޭޝިޔާގެ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ދާތޯ ސެރީ އިދުރީސް ބިން ޖޫސޯ އެވެ.
ސިއްޙީ ދާއިރާއާއި ބެހޭ އެއްބަސްވުން، “މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ގަވަރމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް މެލޭޝިޔާ އޮން ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ހެލްތް” ގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމާއި، މެލޭޝިޔާގެ މިނިސްޓަރ އޮފް ހެލްތު ޑަތުކް ސެރީ ސުބްރަމާނިއަމް ކޭ ވީ ސަތަސިވަމެވެ.
މެލޭޝިޔާއާއި ދިވެހިރާއްޖެއާއި ދެމެދު ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ އިތުރުން، މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައިވަނީ ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ވެސް ބާއްވައިފައެވެ.
މި 4 އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޢަބްދުލް ރައްޒާޤް ބައިވެރިވެވަޑައިގެންނެވިއެވެ.