English Edition
Dhivehi Edition

މެލޭޝިޔާއަކީ ދިވެހިރާއްޖެއަށް އަބަދުވެސް އެއްބާރުލުންދޭ ވަފާތެރި ޤައުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޢަބްދުލް ރައްޒާޤާއި އެމަނިކުފާނުގެ އަނބިކަނބަލުން ރާއްޖެއަށް ކުރެއްވެވި ރަސްމީ ދަތުރުފުޅުގައި، ދެ ޤައުމުގެ ވެރިން އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއާއި މެލޭޝީޔާގެ ސަރުކާރާއި ދެމެދު އިއްޔެ ސޮއިކުރެވުނު މުހިއްމު 4 އެއްބަސްވުމެއްގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މީގެ ތެރޭގައި ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ސަލާމަތީ ދާއިރާގެ އިތުރުން ދެޤައުމުގެ ދެމެދުގައިވާ ޘަޤާފީ ގުޅުމުގެ ދާއިރާގެ އެއްބަސްވުންތައް ހިމެނެއެވެ.

އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ މެލޭޝިޔާ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް ފާއިތުވި އަހަރުތަކުގައި ވެދެއްވި އެހީތެރިކަމާއި ދެއްވަމުންގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވާ، މެލޭޝިޔާގެ ބޮޑުވަޒީރަށް ޝުކުރު ދަންނަވާފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖޭގައި މިހާރު ތަނަވަސްވެފައިވާ ވިޔަފާރީގެ ފަހި ފުރުޞަތުތަކުގެ ބޭނުން މެލޭޝިޔާގެ ވިޔަފާރިވެރިން ހިފާނެކަމަށް އުއްމީދުކުރައްވާކަމަށާއި، ދެޤައުމުގެ ސަރުކާރުން ވެސް އިތުރު އިންވެސްޓްމަންޓްތައް ފެށުމަށާއި، އަމިއްލަ ވިޔަފާރިވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، ވިޔަފާރީގެ ދާއިރާ ފުޅާކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވާކަމުގައިވެސް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިގޮތުގައި، އެމަނިކުފާނު އެންމެ އިސްކަމެއްދޭ އެއް ދާއިރާއަކީ ޒުވާނުންގެ ތަރައްޤީކަމަށާއި، ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި ޒުވާނުން ބަދަލުކުރުމުގެ ޕްރޮގްރާމެއް ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާއިން ކުރިޔަށް ގެންދިޔުމާއި ބެހޭގޮތުން މެލޭޝިޔާގެ ސަރުކާރާއިއެކު މަޝްވަރާކުރެއްވިކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އިންސާނީ ވަޞީލަތް ތަނަވަސްކުރުމުގައި މެލޭޝިޔާއިން ރާއްޖެއަށް ފޯރުކޮށްދޭ ފުރިހަމަ ތަޢުލީމީ ފުރުޞަތުތަށް ފާހަގަކުރައްވާ، މިއަދު މަތީ ތަޢުލީމީ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ދަރިވަރުންނަށް އިތުރު ތަޢުލީމީ ފުރުޞަތުތަށް ފަހިވެގެންދާނެކަމުގައި ވިދާޅުވިއެވެ.

ދެޤައުމުގެ އިސްވެރިން ގުޅިގެން އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ދެޤައުމަށްވެސް ފައިދާވާ ގޮތަށް ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމަވާ ނުރައްކާތެރި މައްސަލަތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން ދެޤައުމުގެ ސަރުކާރުން މަޝްވަރާކުރެއްވިކަމަށާއި، 2015 ވަނަ އަހަރު ޕެރިހުގައި އެއްބަސްވި ލަނޑުދަނޑިތަށް ޙާޞިލުކުރުމަށް ދެޤައުމުން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވިކަމުގައި ވިދާޅުވެފައެވެ. މީމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ އެއޯސިސްގެ ޗެއާގެ ހައިސިއްޔަތުން ރާއްޖެއިން ތިމާވެށީގެ މި މައްސަލަތަކަށް ޙައްލު ހޯދުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން މެލޭޝިޔަގެ ބޮޑުވަޒީރަށް ދެއްވާފައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވިގޮތުގައި ރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން ކުރިޔަށް އޮތްތާނގައި ދެޤައުމަށް ފައިދާހުރިގޮތަކަށް ތަފާތު އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

މެލޭޝިޔާ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި މެލޭޝިޔާއާ ދެމެދުގައި ރަސްމީވާހަކަފުޅުތަށް ވަނީ ބާއްވާފައެވެެ. އަދި، އެމަނިކުފާނުގެ މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ 4 އެއްބަސްވުމެއްގައި ވަނ ސޮއިކުރައްވާފައެވެ.