English Edition
Dhivehi Edition
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން

ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ 7 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދުބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގެ ދަށުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ‘މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ’ އިން ގެންގުޅުއްވާ ސިޔާސަތާއި އެއްގޮތަށް، މޯލްޑިވްސް އިމިގްރޭޝަނުން ވަނީ، މިމަހު 09 ވަނަ ދުވަހު ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންނަށް އަމާޒުކޮށް ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.

“ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދާކަމުގެ ޝަކުވާއާއި ކަންބޮޑުވުން އާއްމުން އަންނަނީ ފާޅުކުރަމުން,” -އިމިގްރޭޝާން-

މ.ސްޓަރކްލައުޑްސް އިމާރާތުގައި ހުންނަ ބޭންކު އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރީގައި ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމައި ހަރަކާތްތެރިވާކަން އިމިގްރޭޝަނަށް ފާހަގަކުރެވި، އެމީހުން ދެނެގަތުމަށް ވަނީ ހާއްސަ ހަރަކާތްތަކެއް ހިންގާފައިކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މި އޮޕަރޭޝަން ހިންގާފައިވަނީ އިމިގްރޭޝަންގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއަރޒް އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޜަން ގުޅިގެންނެވެ.

މި އޮޕަރޭޝަންގައި ޖުމްލަ 7 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އަދި މި އެންމެންނަކީ ވެސް ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީންކަމަށް އިމިގްރޭޝަނުން ބުނެއެވެ.

“މީގެތެރޭގައި، ސައްހަ ވީޒާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ވެސް ހިމެނޭ,” -އިމިގްރޭޝަން-

މި ސަރުކާރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލާ ފާސްކުރުމުގެ ގިނަ އޮޕަރޭޝަންތަކެއް ހިންގައި، ވޭތުވެދިއަ އަހަރުތަކާ އަޅާބަލާއިރު، ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ ފުރުވާލަމުންކަމަށް އިމިގްރޭޝަނުން މިއަދު ބުންޏެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މި އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ އިމިގްރޭޝަންގެ އެންމެ އިސް އެއް މަޤްސަދުކަމަށްވެސް މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.