ވާނުވާ ބަންދުގެ މައްސަލަ ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް އެމަނިކުފާނު ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި އާންމުކުރައްވާ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މ. މުލަކު، އޯޝަންލެޑް، ނަޝީދާ ޙަސަން ރައީސްއާ ސުވާލުކުރަމުން ބުނީ, .ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެންމެ ފުރަތަމަ ވެވަޑައިގެންނެވި އެއް ވައުދަކީ، ވާނުވާގައި ތިބި މީހުން ދޫކޮށްލާނެ ވައުދު ކަމަށެވެ.
“ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުން، ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑު އިންތިޒާރު ކުރެވޭ,” – ނަޝީދާ-
ނަޝީދާ ބުނީ އޭނާގެ ފިރިމީހާ “ވާނުވާ” ބަންދެއްގައި ބަންދުކޮށްފައި ހުންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެއްޖެކަމަށެވެ. އޭނާ ބުނީ ހަތަރު ކުދިން ގޮވައިގެން އޭނާ ދިރިއުޅެމުން އަންނަނީ ބައްޕަ ބަންދުގައި ހުރުމުގެ ސަބަބުން ވަރަށް ދަތި ހާލުގައި ކަމަށެވެ. އަދި އޭނާގެ އެއް ދަރިއަކީ ނުކުޅެދޭ ކުއްޖެއްކަމަށެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދަޅުވީ, ތަހުގީގު މަރުހަލާގެ ކަންތައްތައްވެސް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ވާނުވާގެ މައްސަލައަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމަށެވެ.
“އެހެންވީމަ، އިރާދަކުރެއްވިއްޔާ ގާނޫނީ ހައްލެއް ތި މައްސަލައަށް ގެނެވޭނެ ގޮތްތަކެއް ކުރަމުން މި ގެންދަނީ,” ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޖަވާބު
14 މާރިޗް 2024މ.މުލަކު، އޯޝަންލެޑް، ނަޝީދާ ޙަސަން، ޝަރީޢަތް ނިމެންދެންކުރާ ބަންދު ނުވަތަ “ވާނުވާ” އަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ވަޢުދާއިމެދު ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/2oaB9SzU3M
— Government of Maldives (@governmentmv) March 14, 2024