English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރަށްރަށުގެ ތަރައްގީގެ ކަންކަން ކުރިއަށް ދާންވާނީ ރައްޔިތުން އެދޭގޮތަށް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ވާދޫ ކައުންސިލާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި އެކު އަލިފުށީގައި ބޭއްވި ބައްދަލުވުމުގައި ކައުންސިލުގެ މެންބަރުން، ވާދޫގެ ތަރައްގީއަށް މިވަގުތު އެންމެ މުހިންމު ކަންކަމުގެ ގޮތުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ކުނިކޮށި އެހެން ސަރަޙައްދަކަށް ބަދަލުކުރުމާއި ބަނދަރު ތަރައްގީކުރުން ހިމެނެއެވެ.

މީގެ އިތުރުން ރަށުން ގޯތި ދޫކުރެވޭނެ ގޮތް ވީހާވެސް އަވަހަށް ވެގެންދިއުމުގެ މުހިންމުކަން ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ފެނާ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން ކައުންސިލުން ފާހަގަކުރެއްވިއެވެ.މީގެ އިތުރުން ވެސް ކައުންސިލު އިދާރާގެ ޖާގައިގެ ދަތިކަމާއި އަދި މިނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމުކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުނިކޮށި އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ކުރަންޖެހޭ އިންތިޒާމުތައް ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށުގެ ތަރައްގީގެ ކަންކަން ކުރިޔަށްގެންދާނީ ރަށުގެ ރައްޔިތުން އެދޭގޮތަށްކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.