ހއ. މޮޅަދޫގައި ފެނަކައިން ހިންގާ އިންޖީނުގޭގެ ތިޖޫރިން ވަގަށްނެގި ހުރިހާ ފައިސާ ހޯދައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
“ތިޖޫރީގައި ހުރިކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ އަދަދަށް ފައިސާވަނީ ހޯދައިފައި،” ފުލުހުން ބުނެފައިވެއެވެ. މޮޅަދޫ އިންޖީނުގޭ ތިޖޫރި ވަގަށްނަގައިފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު ގައެވެ. ތިޖޫރި ވަގަށްނެގިއިރު އޭގައި 38،740ރުފިޔާ ހުންނާނެ ކަމަށް އެރަށު ކައުންސިލުންވަނީ ބުނެފައެވެ.
ތިޖޫރި ވަގަށް ނެގުމަށްފަހު އެ ހަލާކުކޮށް އެރަށު ވަލުތެރެއަށް އެއްލާލައިފައިވަނިކޮށް ފުލުހުންވަނީ ހޯދައިފައެވެ. ފުލުހުން ތިޖޫރި ހޯދިއިރު އޭގައި އެއްވެސް ފައިސާއެއްނެތެވެ. ފައިސާގެ ތެރެއިން ނުފެނިހުރިބައި ފެނިފައިވަނީ އެމައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން މީހެއްގެ ގެއިން ރޭ ކަމަށް ފުލުހުންވަނީ ބުނެފައެވެ. މީގެ ކުރިންވެސް ފުލުހުންވަނީ އެދެމީހުގެ ތެރެއިން އެކެއްގެ ގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ބުނެފައެވެ.