ގދ. މަޑަވެލީގައި އެކަށީގެންވާވަރުގެ ބަނދަރެއް ތަރައްޤީ ކޮށް, އޭޓީއެމް ބަހައްޓަން ބޭނުންވާކަމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ދަންނަވައިފިއެވެ.
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ވަނީ މިއަދު ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މަޑަވެލީ ކައުންސިލުގެ އިދާރާގައެވެ.
“މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މަޑަވެލީގެ ބިންހިއްކުމާއި އެރަށަށް ހައުސިންގ ޔުނިޓްތައް ބޭނުންވާކަމަށާއި، ބަނދަރުގެ ޖާގަ ބޮޑުކުރަން ބޭނުންވާކަމަށާއި، ޞިއްޙީ މަރުކަޒުގެ ފަންތި މަތިކޮށް ފެންވަރު މަތިކުރުމަށް ބޭނުންވާކަން ފާހަގަކޮށްފަ,” -ރައީސް އޮފީސް-
މީގެ އިތުރުން ސްކޫލުގެ ޖާގަ އިތުރުކޮށް މަލްޓިޕަރޕަސް ހޯލެއް ބޭނުންވާކަމަށާއި، އޭޓީއެމް ގެ ޚިދުމަތް ބޭނުންވާ ކަމަށާއި، ފެނާއި ނަރުދަމާގެ ނިޒާމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އަދި ރަށުގެ އިޤުތިސާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މުހިންމު ކަންތައްތައް ކައުންސިލުން ފާހަގަކުރިކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މަޑަވެލީގައި އެކަށީގެންވާވަރުގެ ބަނދަރެއް ތަރައްޤީ ކޮށްދެއްވާނެކަމަށާއި އޭ.ޓީ.އެމް. ބެހެއްޓުމާއި ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި، އެ ނޫންވެސް ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމެއްގައި ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމާއި އެރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުގެ މެންބަރުންނާ ހިއްސާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ. .