English Edition
Dhivehi Edition

ހުވަދުއަތޮޅު މަޑަވެލީގައި ދެމުންއައި ފުލުހުންގެ ޚިދުމަތް މެދުކަނޑާލަން ފުލުހުން ނިންމައިފިއެވެ.

އެރަށުން ފުލުހުންގެ ޚިދުމަތް މެދުކަނޑާލަނީ އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގައި އަމަލުކުރާ ސިޔާސަތުގެ ދަށުން ފުލުހުންނާއި ކައުންސިލަށް އެއްބަސްވުމަކަށް ނާދެވިގެންނެވެ.

“މިހާރު އަމަލު ކުރަމުންދާ ސިޔާސަތުގެ ދަށުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސްކަމެއްދެނީ ކައުންސިލްތަކާ ގުޅިގެން ކޯސްޓް ޝެއަރިން ބޭސިސްއެއްގައި ޚިދުމަތްދިނުމަށް. މަޑަވެލީގައި ފުލުހުންގެ ޚިދުމަތް މެދުކަނޑާލަނީ އެސިޔާސަތުގެ ދަށުން ފުލުހުންގެ ޚިދުމަތް ގާއިމްވެތިބުމަށް މަޑަވެލީކައުންސިލާއި ފުލުހުން ކުރި މަޝްވަރާއިން އެފަދަ އެއްބަސްވުމަކަށް ނާދެވުމުން،” ފުލުހުން ބުނެފައިވެއެވެ.

ރަށްރަށުގައި ފުލުހުން ގާއިމްވެތިބެ ފުލުހުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ކައުންސިލްތަކުގެ އިސްނެންގެވުމާއި އެހީތެރިކަން ވަރަށް މުހިންމު ކަމުގައި ފުލުހުންވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންނާއެކު މަޑަވެލީ ކައުންސިލަށް އެއްބަސްވުމަކަށް އާދެވިފައިނުވަނީ ކައުންސިލްގެ ބަޖެޓުގެ ތާށިކަމުންނެވެ.