ކުއްޑޫގައި މަސްވެރިން މުޒާހަރާކުރަމުން އަންނައިރު އެއީ މި ސަރުކާރުން ވެސް އެންމެ ކަންބޮޑުވާ އެއް މައްސަލަ ކަމަށާއި, މަސްވެރިންނަށް ދޫނުކޮށް ހުރި ފައިސާ މި ހަފްތާ ތެރެގައި ދޫކުރާނެކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
“ކޫއްޑޫގައި މަސްވެރިން މިވަގުތު ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންގެ ނުތަނަވަސް ކަމަކީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެބޮޑަށް އޮތް އަދި އެންމެބާރަށް ހައްލު ކުރަން މަސައްކަތް ކުރަމުން ގެންދާ ކަންބޮޑުވުންވެސްމެ. ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޙައްޤުހޯދަންކުރާ ސުލްހަވެރި އިހުތިޖާޖުތަކަށް މަރުޙަބާކިޔާނެ,” ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމަށެވެ.
“މަހުގެ އަގު މުރާޖާ ކުރި ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް އެ ހަފްތާއެއްތެރޭ ފައިސާ ދެވޭނެ އިންތިޒާމު މިފްކޯއިން ހަމަޖައްސާނެ.”
މަސްވެރިންގެ ކަންކަން ރައީސުލްޖުމްޙޫރިއްޔާ ޑރ. ގެންދަވަނީ ވަރަށްގާތުން ބައްލަވަމުންކަމަށް ވެސް ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.
މުޒާހަރާ ކުރާ މަސްވެރިންނާއި ބައްދަލުކުރަން މިނިސްޓަރު މިއަދު ކޫއްޑޫއަށް ވަޑައިގަންނަވާނެކަމަށްވެސް ވިދާޅުވިއެވެ.
މަސްވެރިންކިރުވާ މަހަށް ފައިސާ ނުލިބިގެން ކޫއްޑޫގައި ހުންނަ މިފްކޯގެ މަސް ފެކްޓްރީއަށް ވަދެ މަސްވެރިން މުޒާހަރާ ފެށީ މިއަދު ހެނދުނުއެވެ.