English Edition
Dhivehi Edition
އަކްރަމް އަދި މުސްތަފާ: ފޮޓޯ ބޮންތި

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއަށް 1.71 މިލިއަން ރުފިޔާ ހަތަރު ފަހަރެއްގެ މަތިން ޖަމާކޮށްދީފައިވާކަމަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފިއެވެ.

އަކްރަމް ކަމާލުއްދީން މުސްތަފާއަށް 1.8 މިިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވާ މައްސަލައިގައި، މުސްތަފާ ބުނެފައިވަނީ އަކްރަމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް ހަތަރު ފަހަރުމަތިން ފައިސާ ޖަމާކޮށްދީފައިވާ ކަމަށެވެ.

މި މައްސަލަ މުސްތަފާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅީ 2019 ވަނަ އަހަރު، އަނބުރާ ދޭ ގޮތަށް ފައިސާ ނެގުމަށްފަހު، އެ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން އަކްރަމް ދީފައިވާ ޗެކްތަކަށް ފައިސާ ޖަމާވެފައި ނުވާތީ އެވެ.

މުސްތަފާ ބުނެފައިވަނީ ދަރަނީގެ ގޮތުގައި އަކްރަމަށް ފުރަތަމަ ދިނީ 1.15 މިލިއަން ރުފިޔާގެ ޗެކެއް ކަމަށެވެ. ދެ ވަނައަށް ތިން ލައްކަ ރުފިޔާ ޖަމާކޮށްދީފައިވާއިރު، ތިންވަނައަށް ދެ ލައްކަ ރުފިޔާ އަކްރަމްގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި ހަތަރުވަނައަށް 60،000 ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށެވެ. މިގޮތުން ޖުމުލަ 1.71 މިލިއަން ރުފިޔާ އަކްރަމްގެ އެކައުންޓަށް ޖަމާކޮށްދީފައިވެއެވެ.

އެހެންނަމަ ވެސް އަކްރަމް ދިފާޢުގައި ބުނެފައިވަނީ މުސްތަފާއަށް ދައްކަން ހުރީ 4 ލައްކަ ރުފިޔާ ކަމަށާއި، ބާކީ ފައިސާ ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ސާބިތުކުރެވޭވަރަށް އަކްރަމް ހެކި ހުށަހަޅާފައި ނުވާކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މުސްތަފާ އަތުން ފައިސާ ނެގިކަމަށް އަކްރަމް އިއުތިރާފްވުމުން، އެއީ ދައްކަންޖެހޭ ފައިސާއެއްކަން ކޯޓުން ބުނެފައިވެއެވެ.