ފަލަސްޠީނުގެ ޣައްޒާގައި ކުށެއް ނެތް ގިނަ އަދަދެއްގެ ބަޔަކު ދަނީ ޝަހީދުވަމުން ކަމަށާއި މިކަން ވަގުތުން ވަގުތަށް ހުއްޓުމަކަށް ގެންނަން ޖެހޭކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
އިސްރާއީލުގެ ޔަހޫދީ ލަސްކަރުގެ ސިފައިން ޣައްޒާގައި މިހާރު ހިންގަމުން ގެންދާ އުދުވާން ތަކާއި ގުޅޭ ގޮތުން ވާހަދައްކަވަމުން ބައިޑެއް ވިދާޅުވީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހައްދުން ނެއްޓިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކުށެއް ނެތް އެތަކެއް ބަޔަކު ޝަހީދުވަމުން އަންނަކަމަށެވެ. އަދި މިކަން ވީހާވެސް އަވަހަކަށް ހުއްޓުމަކަށް ގެންނަން ޖެހޭކަމަށް ބައިޑެން ވިދާޅުވެފައިވެއެވެ.
ބައިޑަން ވިދާޅުވީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހައްދުން ނެއްޓިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ޢުދުވާނުގެ ކަންކަން މިހާރު މާ މައްޗަށް ގޮސްފައިވާ ކަމުގައެވެ. އަދި, ޣައްޒާގައި ޔަހޫދީ ސިފައިން ހިންގާ ޢުދުވާންތައް މެދުކަނޑައިލަން އެތަކެއް ގޮތަކުން ބާރު އަޅުއްވަމުން ގެންދަވާ ކަމުގައި ވެސް ބައިޑެން ވިދާޅުވިއެވެ.
“އަޅުގަނޑުގެ ނަޒަރުގައި, ޣައްޒާއަށް އިސްރާއީލުގެ ޔަހޫދީ އަސްކަރިއްޔާއިން ހިންގަމުން ގެންދާ އުދުވާނަތައް ވަނީ ހައްދުން ނެއްޓި, މާ މައްޗަށް ގޮސްފައި. އެކަމުގެ ސަބަބުން ޣައްޒާގައި ހައިހޫނު ކަމުގައި ގިނަ ބަޔަކު އެބަތިބި. ކުށެއް ނެތް ގިނަ ބަޔަކު ދަނީ ޝަހީދުވަމުން. މި ކަން ހުއްޓުވަން ޖެހޭ.” ބައިޑަން ވިދާޅުވިއެވެ.
ބައިޑަން އިތުރަށް ވިދާޅުވީ, އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ދަށުން މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކަށް ނިމުމެއް ގެނެސް, އަސީރުން މިނިވަންކުރުމަށް ކަމަށާއި އަދި ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމުގައެވެ.
ބައިޑަން އިސްރާއީލުގެ ޔަހޫދީ ސިފައިން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވައި ވާހަކަފުޅު ދެއްކެވި ނަމަވެސް, ޔަހޫދީންގެ ޢުދުވާންތައް ހިންގަމުން ދަނީ އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައިކަން ފާހަގަކޮށްލަން ޖެހެއެވެ. ޔަހޫދީންގެ ފައުޖަށް ބޭނުންވާ އެންމެ ފަހުގެ ޒަމާނީ ހަތިޔާރު ފޯރުކޮށްދެނީ އެމެރިކާއިންނެވެ. އަދިވެސް އެކަން ހުއްޓުމެއް ނެތި ކުރިއަށް ދާއިރު، ދާދި ފަހުންވެސް އެމެރިކާއިން ވަނީ އެތަކެއް މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ޔަހޫދީންނަށް ފޯރު ކޮށްދީފައެވެ.