އިންޑަސްޓްރިއަލް ވިލެޖު އަލުން ތަރައްޤީކޮށް, އެސަރަހައްދަށް މާލޭސިޓީގެ ގަރާޖު، ވޯކްޝޮޕްތައް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.
މި ނިންމުން ސަރުކާރުން ނިންމާފައިވާކަން ހާމަކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
ވަޖީހު ވިދާޅުވީ “އިންޑަސްޓްރިއަލް ވިލެޖަކީ މާލެސިޓީގައި ހުރި ގަރާޖުތަކާއި ވޯކްޝޮޕް ފަދަ ތަންތަަން ބަދަލުކުރުމަށް ހިއްކުނު ސަރަޙައްދެއް. ގަރާޖު، ވޯކްޝޮޕްތައް ބަދަލުކުރަން ބިން ދޫކުރުމިުގެ މަޝްވަރާތައް ކުރަމުން. މަޤުޞަދަކީ މާލެސިޓީއަކީ ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ހުރި މިފަދަ ތަންތަން ބަދަލު ކުރުން,” ކަމަށެވެ.
މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމާއި މަސައްކަތްކުރުމަށް ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާހަވާލުވެ ވަޑައިގެންނެވުމާއިއެކު، މާލެސިޓީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންނަށް ދަތިވާނެހެން ހުރި މިފަދަ އެތައް ކަމެއް ހައްލުކުރުމުގެ މަސައްކަތް ދަނީ ބާރު ސްޕީޑެއްގައި ކުރައްވަމުން ކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.
އެ މަސައްކަތްތަކުގެ ތެރޭގައި ނިމިދިޔަ ސަރުކާރުން ފަށާ ނުނިމި އޮތް އަމީނީ މަގު ނިންމާ އާންމުންނަށް ހުޅުވައިލުމާއި، ނިމިދިޔަ 5 އަހަރު ބަންދުކޮށްފައި ހުރި މާލޭގެ ބައެއް މަގުތައް އަލުން ހުޅުވައިލުން ހިމެނެއެވެ.