ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ހިމެނެނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން، މިދިޔަ މަހު އީ-ކޮމާސްގެ 80 މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ފިޝިން، ވިޝިން އަދި ވަޒީފާގެ ނަމުގައި އޮޅުވާލައިގެން ހިންގާ 61 މައްސަލައެއް ހިމެނޭއިރު، ކާކުކަން އޮޅުވާލައިގެން ފައިސާ ހޯދުމުގެ 44 މައްސަލައެއް ވެސް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އަދި ބޭރު ފައިސާ ގަނެވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ހިންގި 31 މައްސަލައެއް ވެސް ރިކޯޑު ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސްކޭމްގެ މައްސަލަތައް އިތުރުވަމުން ދިޔަ ނަމަވެސް، ގެއްލޭ ފައިސާ ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ދަނީ ފެންނަމުންނެވެ. އެގޮތުން ނިމިދިޔަ މަހު ޖުމްލަ 4.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފުލުހުން ވަނީ އަނބުރާ ހޯދައިދީފައެވެ. ސްކޭމްތައް ހިންގާ ފަރާތްތަކުން އާންމުކޮށް ބޭނުންކުރަމުން ދަނީ އައިބޭ، ފޭސްބުކް އަދި ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތަކެވެ. އަދި ނޭނގޭ ގޮތްގޮތަށް ފޮނުވާ ލިންކުތައް މެދުވެރިކޮށް ވެސް މައުލޫމާތު ވަގަށް ނަގާކަން ފާހަގަކުރެވެއެވެ.
މިފަދަ ކަންކަމުން ސަލާމަތްވުމަށް ރައްޔިތުން އިތުރަށް ހޭލުންތެރިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، ފައިސާގެ މުއާމަލާތެއް ހިންގުމުގެ ކުރިން އެއީ ކާކުކަން ޔަގީންކުރުމަށް ފުލުހުން އެދެއެވެ. ވިޔަފާރީގެ މުއާމަލާތްތަކުގައި މުދާ ލިބުމުގެ ކުރިން ފައިސާ ނުފޮނުވުމަށާއި، ޑޮލަރު ފަދަ ތަކެތި ގަންނައިރު އެ ފަރާތަކީ ހުއްދަ ލިބިފައިވާ ފަރާތެއްތޯ ބެލުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. ޝައްކުކުރެވޭ އެއްވެސް ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެކަން އެންގުމަށް ވެސް އެދިފައިވެއެވެ.