English Edition
Dhivehi Edition

މި އަހަރުގެ މާޗް 17 ގައި އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

އެކޮމިޝަނުން މިއަދު އާންމު ކުރި އިއުލާނުގައި ބުނެފައިވަނީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން، ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އަދި އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައިކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ކަމަށާއި ފޯމު ބަލައިގަތުން ހުކުރު ދުވަހު ކުރިއަށްދާނީ އެދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށްކަމަށެވެ.

މަޖިލިހުގެ 93 ދާއިރާއަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާ އިރު މެމްބަރުކަމަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތަކަކީ:

  1. ދިވެހި ރައްޔިތަކަށްވުން.
  2. ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން.
  3. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން.
  4. އުމުރުން 18 (އަށާރަ) އަހަރުވެފައިވާ މީހަކު ކަމުގައިވުން.
  5. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހި ރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރުމަށްފަހުއެވެ. އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކުކަމުގައި ވާންވާނެއެވެ.

މަޖިލިހުގެ އިންތިހާބުގައި ބައިވެރިނުވެވޭނެ ހާލަތްތައް:

  1. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި ނުދެއްކުން
  2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރާ މީހަކު ކަމުގައިވުން.
  3. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއްކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާމީހަކު ކަމުގައިވުން.
  4. ފަނޑިޔާރަކު ކަމުގައިވުން.

މަޖިލިހަށް ކުރިމަތިލާ މީހުން އިދާރީ ފީއެއްގެ ގޮތުގައި 5،000ރ. ގެ ފީއެއް ދައްކަން ޖެހެއެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހުސެއިން ހަބީބް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިހަށް ކުރިމަތިލާ މީހުން ދައްކާ ފައިސާ ބަލައިގަންނާނީ ހަމައެކަނި ޕީއޯއެސް މެޝިން ބޭނުންކޮށްގެން ކޭޝް ކާޑުން ކަމަށެވެ. ނަގުދު ފައިސާ ބަލައިނުގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ކޮމިޝަނުން ކަނޑައަޅާފައިވަނީ މާރިޗް 17 ވާ އާދީއްތަ ދުވަހުއެވެ. އެހެންނަމަވެސް، އިންތިހާބުތަކާ ބެހޭ ޢާންމު ގާނޫނަށް ގެނެވޭ ބަދަލަކުން، އިންތިހާބުގެ ތާރީޚަށް ބަދަލެއް ގެނައުމަށް ލާޒިމްވެއްޖެ ހިނދެއްގައި، އެކަން އެގޮތަށް ވުމުގެ ފުރުސަތު އޮންނާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރެވޭނީ ގާނޫނަށް ބަދަލު ގެނެސްގެންނެވެ. އިންތިހާބު ފަސް ކުރަން ސިޔާސީ ޕާޓީތަކުންވެސް ދަނީ ގޮވަމުންނެވެ.