English Edition
Dhivehi Edition

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުުގެ އިތުރު ޖަލްސާ އެއް މިއަދު ބާއްވަން ތާވަލުކޮށްފިއެވެ.

މިއަދު ހެނދުނު 11:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގެ އެޖެންޑާ އިއުލާންކޮށްފައިވާ އިރު، އެޖެންޑާގައި ހަމައެކަނި އޮތީ ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ހުށަހެޅި ރިޕޯޓާ މެދުގައި ގޮތެއް ނިންމުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ނަގާ ވޯޓު އެންމެ ފުރަތަމަ ތާވަލު ކުރީ އާދީއްތަ ދުވަހުގެ މެންދުރު 1:30 އަށެވެ. އެހެންނަމަވެސް އިދިކޮޅު އެމްޑީޕީން ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމުމުން ވެރިކަން ކުރާ ކޯލިޝަންގެ މެންބަރުންނާއި އެ ޕާޓީގެ މެންބަރުންނާ ދެމެދު ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ.

އެމްޑީޕީން ރުހުން ނުދޭން ނިންމާފައިވަނީ، ބަންޑާރަނައިބު އަހުމަދު އުޝާމާއި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ.

ބާކީ ވަޒީރުންނަށް ރުހުން ދިނުމަށް ނެރެފައި ވަނީ ފްރީ ވިޕެކެވެ.