English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫ ސީވޭވް، ހުސައިން މުހައްމަދު އަކީ ބުރަ މަސައްކަތާއެކު ދިރިއުޅުން އާރާސްތުކުރަން މަސައްކަތްކުރަމުން ގެންދިޔަ ހިތްވަރު ގަދަ މީހެކެވެ. ދިރިއުޅުމަށްޓަކައި ގަދަ އަޅައި މަސައްކަތްކުރަމުން ދިޔަ މީހެކެވެ. އެހެންނަމަވެސް އޭނާގެ މަސައްކަތް ހުއްޓިގެން ދިޔައި މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ހާޓްއެޓޭކެއް ޖެހުމާއެކުގައެވެ.

ހުސައިން މުހައްމަދަށް ޖެހުނު ހާޓްއެޓޭކާއެކު ވަގުތުން ފަރުވާ އަށް މާލެ އަށް ފޮނުވާލެވުނެވެ. އައިޖީއެމްއެޗް އިން ހުސައިން މުހައްމަދުގެ ހިތަށް ހޮޅިކޮޅެއް (އެންޖިއޯ ޕްލާސްޓީ) ހެދިއެވެ. އެހެންނަމަވެސް ދެން ކުރިމަތިވީ ސިއްހީ އެހެން މައްސަލައެކެވެ. ފުއްޕާމޭގައި ފެން ހެދި އިންފެކްޝަން ހެދިފައިވާއިރު، ފެން އިތުރަށް އުފެދިޔަ ނުދިނުމަށް ޑޮކްޓަރުންގެ ލަފާޔާއެކު އިންޖެކްޝަން ޖެހުމުން އޭނާގެ ހާލު ކުޑަކޮށް ރަނގަޅުވެގެން ދިޔައެވެ.

ހުސައިން މުހައްމަދު ގެ ހާލު ރަނގަޅުވެ އެކަނި އުޅެވޭ ވަރުވުމުން އޭނާ އަނެއްކާވެސް އެބުރި ދިޔައީ އުފަން ރަށް ހުޅުދޫ އަށެވެ. އޭނާގެ ހާލު ކުޑަކޮށް ރަނގަޅުވުމުން އަލުން ޑިއުޓީ އަށް ނިކުންނަން ތައްޔާރުވަމުން ދަނިކޮށް އަނެއްކާވެސް މެޔަށް ކުއްލި ތަދެއް އަރައިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް އިމެޖެންސީގައި ގެންދެވުނެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ހުސައިން މުހައްމަދުގެ ހިތުގެ ހިނގުން އެއްކޮށް ހުއްޓުނެވެ. ހުސައިން މުހައްމަދަށް 7 ސައިކަލް ސީޕީއާރް 30 މިނިޓްވަންދެން ދިނުމުން އޭނާ އަލުން ނޭވާލާން ފެށިއެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި 6 ދުވަސްވަންދެން ފަރުވާ ދިނުމަށް ފަހު މި ފަހަރުވެސް ހުސައިން މުހައްމަދު އިތުރު ފަރުވާއަށް ފޮނުވާލީ މާލެއަށެވެ.

ހުސައިން މުހައްމަދު އިތުރު ފަރުވާއަށް މާލެ ގެނެސް އެންޓިބައޯޓިކް ދެމުން ގެންދާތާ މިހާރު ދެ ހަފްތާވާން ކައިރިވެފައިވާއިރު، ފުވައްޕާމޭގައި އުފެދުނު އިންފެކްޝަން އަދިވެސް ރަނގަޅެއް ނުވެއެވެ. އޭނާގެ ލޭގެ ޓެސްޓު ތަކުން ދައްކާ ގޮތުން ސީއާރްޕީ 200 އަށް ވުރެ މަތިން އިންފެކްޝަން ހުރިކަމަށް ދައްކާއިރު ނެގި އެކްސްރޭ ތަކުންވެސް އިންފެކްޝަން ހުރިކަމަށް ދައްކައެވެ. އެހެންނަމަވެސް މި އިންފެކްޝަން އުފެދެން ދިމާވި ސީދާ ސަބަބެއް އަދިވެސް ޑޮކްޓަރުންނަށް ނޭގެއެވެ.

ހުސައިން މުހައްމަދުގެ ސިއްހީ މައްސަލަ ދެނެގަތުމަށް އާއިލާއިން މަސައްކަތްކުރަމުން އަންނައިރު، މިހާރު އެ އާއިލާއިން ބޭނުން ވަނީރާއްޖެއިން ބޭރަށް ހުސައިން މުހައްމަދު ގެންގޮސް ފަރުވާ ދިނުމަށެވެ. އަދި މިކަމަށްޓަކައި އެންސްޕާގައި ވެސް އެދިފައިވާއިރު، އާއިލާއިން ވަނީ މިކަމުގައި އެންމެންގެ އެހީތެރިކަމަށް އެދިފައެވެ. ހުސައިން މުހައްމަދު ގެ ބައްޔަށް ފަރުވާ ކުރުމަށް ރާއްޖެއިން ބޭރުގައި ކުރަންޖެހޭ ހަރަދާ ހޭދަވާނެ ސީދާ މުއްދަތެއް ނޭގޭއިރު މިކަމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއްކަމުން އެ އާއިލާއިން ވަނީ ތިޔަ ހުރިހާ ފަރާތެއްގެ ދީލަތި އެހީއަށް ނުހަނު ބޭނުންވެފައެވެ.

ފޯނު ނަންބަރު :9981116/7589392

އެކައުންޓް ނަންބަރު :7716311205101

ނަން : ފާތިމަތު ޝަޒްނާ