English Edition
Dhivehi Edition

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންނަށް ފަރުވާ ދިނުމަށް އެކަމަށް ޚާއްސަ ޓީމެއް ރާއްޖޭން ބޭރުން އަތުވެއްޖެއެވެ.

އައިޖީއެމްއެޗުން ބުނީ، ފިހުނު ދެމަފިރިންނަށް ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ލަފާ ދޭން މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ ޝައިލާޝް ވީ ރަނާދު ރާއްޖެ އައިސް ޕޭޝެންޓުންގެ ހާލަތު ބެލި ކަމަށެވެ.

ޕޭޝަންޓުގެ ހާލަތު ބެލުމަށްފަހު ހުކުރު ދުވަހު އެނބުރި އޭނާ އިންޑިއާއަށް ގޮސްފައިވީ ނަމަވެސް ފިހުނު ދެމަފިރިންނަށް ފަރުވާ ދެމުން އަންނަނީ އެ ޑޮކްޓަރުގެ ލަފާއާއި މަޝްވަރާއާ އެކު ކަމަށް އައިޖީއެމްއެޗުން ބުނެއެވެ،

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ޒަޚަމްވި 31 އަހަރުގެ އެ ދެ މީހުންގެ ވެސް ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައެވެ. އެގޮތުން، އަންހެން މީހާގެ ހަށިގަނޑުގެ %83 އަދި ފިރިހެން މީހާގެ %78 ވަނީ ފިހިފައިވާކަމަށް މަޢުލޫމާތު ލިބިއެވެ.

އެދެމީހުންނަށް އަދިވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައިކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.

އެ ދެމަފިރިން ފިހުނު ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ ހާދިސާއާ ގުޅޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.