މިރޭ (15 ޖޫން 2017 ) ސެޓާން ދުނިޔެއަށް ފެންނަގޮތް އެހެން ހުރިހާ ރެއަކާ އަޅާ ބަލާއިރު އެތައް ގުނައެއް އަލިގަދަވާނެއެވެ. އަދި އެހެންރޭތަކަށްވުރެ ގިނައިރު ފެންނަން ހުންނާނެއެވެ. ސަބަބަކަށް ވަނީ މިރޭ އިރާއި ސެޓާންއާ ދެމެދު ދުނިޔެ ވެފައި، އިރާ ސީދަލަށް އެއް ލައިނެއްގައި ދުނިޔެއާއި ސެޓާން ވާނެތީއެވެ. މިރެއަކީ މުޅި އަހަރުގައިވެސް ސެޓާންއާއި އޭގެ ރިންގް މިގޮތަށް ދުނިޔެއަށް ފެންނާނެ އެންމެ ރަނގަޅު ރެއެވެ. ސެޓާން މިރޭ އައްޑޫ ސިޓީއަށް އެންމެ ފުރަތަމަ ފެންނަން ފަށާނީ އިރުއޮއްސި 18:04 ގައި، އިރު ދެކުނު އިރުން 112 ޑިގްރީ ގައެވެ. މެރިޑިއަން ނުވަތަ މެދާ ހަމައިން ފެންނާނީ 180 ޑިގްރީ ދެކުނުން، މެންދަމު 00:06 ގައެވެ. އަދި ސެޓާން އޮއްސޭނީ ހުޅަނގު ދެކުނު ހުޅަނގުން 248 ޑިގްރީން، ހެނދުނު 06:09 ގައެވެ. މާލެސިޓީއަށް އެންމެ ފުރަތަމަ ސެޓާން ފެންނާނީ 112 ޑިގްރީ އިރު ދެކުނު އިރުން، އިރުއޮއްސި 18:10 ގައެވެ. މެރިޑިއަން ނުވަތަ މެދާ ހަމައިން ފެންނާނީ 180 ޑިގްރީ ދެކުނުން، މެންދަމު 00:05 ގައެވެ. އަދި އޮއްސޭނީ ހުޅަނގު ދެކުނު ހުޅަނގުން 248 ޑިގްރީ، ފަތިހު 05:59 ގައެވެ. މިރޭ މުޅިއެކު 7 ޕްލެނެޓް ރާއްޖެއަށް ފެންނާނެއެވެ. އޭގެ ތެރެއިން އެންމެ އަލިގަދަ ޕްލެނެޓަކަށް ފެންނާނީ ސެޓާންއެވެ. ސެޓާންގެ އޮޕޮޒިޝަން އަކީ ހަމަ އެކަނި އެއްރޭގެ ކަމެއްނޫނެވެ. ސެޓާންގެ އޮޕޮޒިޝަން މުޅި ޖޫން، ޖުލައި އަދި އޮގަސްޓް މަހު ރަނގަޅު ގޮތެއްގައި ފެންނާނެއެވެ. އަދި ބައިނޮކިއުލާ ބޭނުން ކޮށްގެން ނުވަތަ ހަމަ ލޮލުންވެސް ސެޓާން ފެންނާނެއެވެ. ނަމަވެސް އެހެން މަސްމަހުގައި ސެޓާން ފެންނާނީ އެންޓޭރީސް، ސްކޯޕިއަސް ކޮންސްޓެލޭޝަން ގައި ފެންނަ އެންމެ އަލިގަދަ ތަރިއާ ކައިރިންނެވެ. ސެޓާންގެ ރީތި ކަމާއި އޭގެ ރިންގާއި ހަނދުތައް ބަލާލުމަށް މިރެއަށް ވުރެ ރީތި ރެއެއް އޮވެދާނެ ކަމަށް ނުބެލެވެއެވެ. ސެޓާންގެ ރިންގާއި ހަނދުތައް އެންމެ ރީއްޗައް ފެންނާނީ ބައިނޮކިއުލާ އެއް ނުވަތަ ޓެލެސްކޯޕެއްގެ އެހީގައެވެ. ލިޔުނީ: މުހައްމަދު ހިޒިޔަމް