English Edition
Dhivehi Edition

ޤަޟާގަދަރަށް އީމާންވެ އެކަމަށް ރުހިގެން ހުރުމަކީ ގިނަގުނަ ދަރުމަައާއި ސަވާބު ލިބުމުގެ އިތުރުން ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނުވާކަމެކެވެ. ލިބޭ ނިޢުމަތްތައް ވެސް އިތުރުވާ ކަމެއްވެސް މެއެވެ.

ޤަޟާގަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަ ކުރަމުން ދާނީ ހިތްހަމަ ޖެހުމާއި އުފާވެރިކަމާއި އެކުގައެވެ. ފިތުނައިގެ ސަބަބުން އެފަދަ މީހަކު ބަލިކަށިވެ ގުޑުގުޑު އަޅައިގެން ނުދާނެއެވެ. އަދި ދަތި އުނދަގޫ ކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން މާޔޫސް ވެގެން ވެސް ނުދާނެއެވެ.

މިންވަރަށް އީމާންވުމުގެ ސަބަބުން އެމީހަކަށް ސުވަރުގެ ވަނުމަށް މަގުފަހިވެގެންދެއެވެ. މާތްﷲ އާއި އެކަލާންގެ ރަަސޫލާ އެންގެވި ގޮތަށް، އީމާންވެ އަޤީދާ ވަރުގަދަކޮށްފި މީހެއްގެ ހަށިގަނޑާއި ގުނަވަންތަކުން އެކަން ފާޅުވެގެންދާނެއެވެ. ހުރިހާ ކަމެއް މެދުވެރިގެންދަނީ މާތްﷲ ގެ އިލްމުފުޅާއި އެކަލާނގެ އިއުތިޤާދާއި އެކުގައި ކަމަށް ޤަބޫލުކުރާ ބަޔަކު ބިރުގަނެ، ހިތްނުތަނަވަސްވެ، މާޔޫސްވާން ނުޖެހޭނެއެވެ.

އަޅުތަކުން ކިތަންމެ މޮޅަށް ކިތަންމެ ވަރަކަށް ކަންތައްތައް ރޭވިކަމުގައިވިޔަސް އެކަމެއް މާތްﷲ ގެ އިރާދަފުޅުމަތިން މެނުވީ ނުހިނގާނެއެވެ. ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ހިނގަނީ މާތްﷲ ގެ ކުޅަދުންވަންތަކަމާއި އެކަލާނގެ އިރާދަފުޅުންކަން އަޅުގަނޑުމެން އީމާންވާއިރު އެކަލާނގެ ޝަރުއު ކުރައްވާފައިވާ ކަންތައްތަކަށް އެންމެން ކިޔަމަން ގަންނަން ޖެހެއެވެ. މާތްﷲ އަޅުގަނޑުމެންނަށް އަމުރުކޮށްފައިވާ ކަންތައްތައް ދޫކޮށްލައިގެން ނުވާނެއެވެ. ހެޔޮކަންތައްތަކަށް ގޮވާލުމާއި ނުބައި ނޭދެވޭ ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ވެސް ކުރަންޖެހެއެވެ.

ދިމާވާ މުސީބާތްތަކަށް ކެތްތެރިވުމަށް މާތްﷲ ވަނީ އަމުރުކުރައްވާފައެވެ. ހިދާޔަތާއި ފާލާހުގެ ސިއްރަކީ ކެތްތެރިކަމެވެ. އަދި މާތްﷲ ވަނީ އެކަލާނގެ އަޅުތަކުން އިމްތިހާނު ކުރައްވާނެކަން އަންގަވާފައެވެ. މި އިމްތިހާނުން ކާމިޔާބު ލިބޭނީ ޤަޟާގަދަރަށް ރުހިގެން ތިބޭ ކެތްތެރިންނަށް ކަމަށް މާތްﷲ ބަޔާންކުރައްވާފައިވެއެވެ.

މިއަދު އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ހަތިޔާރަކަށް ވާންޖެހޭނީ ޤަޟާގަދަރަށް އީމާންވުމާއެކު ކެތްތެރިކަން އިސްކުރުމެވެ. އީމާންކަމާއި ކެތްތެރިކަމުން ހިމާޔަތް ލިބިގެންފިނަމަ ދުނިޔެ މަތީގައި ލިބެން އޮތް ހެވެއް އެއްވެސް މީހަކަށް އިހުސާސް ނުކުރެވޭނެއެވެ. އާހިރަތުގައި ކެތްތެރިންނަށް މާތްﷲ މިންވަރު ކުރައްވާފައިވާ ދަރުމަ އާއި ޘަވާބު އެއްވެސް މީހަަކަށް ވަޒަން ވެސް ނުކުރެވޭނެއެވެ.

މާތް ﷲ ދެއްވާ ނިއުމަތަށް ޝުކުރުވެރިވެއްޖެ ނަމަ އެ ނިއުމަތް އިތުރުކުރައްވާނެއެވެ. އަދި ޤަޟާ ޤަދަރަށް ފުރިހަމައަށް އީމާންވެއްޖެނަމަ ދެދުނިޔޭގެ ހަޔާތް ބާއްޖަވެރިވެގެންދާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.