English Edition
Dhivehi Edition

ޗައިނާގެ ޝެންޒޫ ގައި މިހާރު ކުރިއަށްދާ އޭޝިއަން ރޯވިން ކޯސްޓަލް ޗެމްޕިއަންޝިޕް 2017 ގައި ގައުމީ ރޯވިންޓީމު އުންމީދީ ހިސާބަކަށް ދަތުރުކޮށްފިއެވެ.

މިމުބާރާތުގައި ދިވެހި ޓީމުންވަނީ ފިރިހެން ޑަބަލްސްގައި ޗައިނާ، ހޮންކޮންގް، ސްރީލަންކާ، ކޮރެއާ އާ ވާދަކޮށް އެޓީމްތައް ބަލިކޮށް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.

އޭގެ އިތުރަށް އަންހެން ސިންގަލް ބައިން ފާތިމަތު މިނާ އަހުމަދު ވަނީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ޓީމާއެކު މިހާރު ޗައިނާގައި ހުންނެވި ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ މިއީ ޅަފަތުގައިއޮތް ޓީމަކުން ހޯދި ރަނގަޅު ކާމިޔާބީއެއް ކަމަށެވެ. އޭނާ ވިދާޅުވީ މިނަތީޖާއަށް ބަލާއިރު ރޯވިން އިން މިފަހަރު މެޑެއްޔެއް ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ ކަމަށެވެ.

ރޯވިން ޓީމް ޗައިނާއަށް ފުރަމުންވެސް ހަބީބު ވިދާޅުވެފައިވަނީ މިފަހަރުގެ މުބާރާތަށް ޗައިނާއަށްދަނީ ހަމައެކަނި ބައިވެރިވެލަން ނޫންކަމަށެވެ. އޭގެ ބަދަލުގައި މިފަހަރު ދަނީ ސީދާ ޓީމްތަކާ ވާދަކޮށް ކާމިޔާބެއް ލިބޭނެ ކަމުގެ ވަރަށްބޮޑު އުންމީދެއްގައި ކަމަށެވެ.

މިހާތަނަށް މިމުބާރާތުން ރޯވިން ޓީމްހޯދައިފައިވާ ކާމިޔާބަށް ބަލާއިރު ހަބީބުގެ އެވިދާޅުވުން ގައުމީ ރޯވިން ޓީމުންވަނީ ކަށަވަރު ކޮށްދީފައެވެ.