English Edition
Dhivehi Edition

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި މިހާރު ކުރިމަތި ވެފައިވާ މޫސުމީ ކާރިސާގެ ތެރޭގައި ޣައްޒާގެ ރައްޔިތުން ވަނީ ބަނޑުހައިހޫނުކަން މަތީގައި ކަމަށް ޣައްޒާގައި ހުންނަ ފަލަސްތީނު ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފިއެވެ.

ފަލަސްތީނުގެ މީޑިއާ އޮފީހުން ބުނީ ޣައްޒާގައި ކާބޯތަކެތި ހުސްވެ، 400،000 ރައްޔިތުން ތިބީ ބަނޑުހައިހޫނުކަމުގެ ތެރޭގައި ކަމަށެވެ. އަދި ޣައްޒާގެ ރައްޔިތުން ކެއުމަށް ބޭނުންކުރާ، ހަނޑު، ފުށް، ހަކުރުގެ އިތުރުން އެހެނިހެން ކާބޯތަކެތިވެސް މިހާރުވަނީ ހުސްވެފައިކަމަށާއި އެހެންކަމުން މިވަގުތު ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަން ވަރަށް ބޮޑަށް ތަހައްމަލްކުރަމުން އަންނަކަމަށް ފަލަސްތީނު މީޑިއާ އޮފީހުން ބުނެއެވެ.

އެ އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ، ޣައްޒާގެ ހާލަތު ބަޔާންކޮށްދެވޭ ވަރަށް ވުރެ، ގޯސްކަމަށާއި، މިވަގުތުން ވަގުތައްވެސް ޣައްޒާއަށް ބޭނުންވަނީ އިންސާނީ އެހީތެރިކަމާއި ކާބޯތަކެތިކަމަށެވެ.

“ފުށް، ހަނޑޫ، ހަކުރުގެ އިތުރުން އެހެނިހެން ތަކެތިވެސް ހުރީ މުޅިން ހުސްވެފަ. ކާނޭ ބޯނޭ އެކައްޗެއްވެސް ނެތް. އާބާދީގެ ބޮޑުބައެއް ތިބީ ބަނޑުހައިހޫނުކަމުގެ ތެރޭގައި. ގިނައީ ކުޑަކުދިންނާއި އަންހެނުން. ދެން ކާން ލިބޭނެ ދުވަހެއް ވެސް ނޭނގޭ. ޣައްޒާގެ ރައްޔިތުން ބަނޑަށް މަރުވުމުގެ ބިރުއެބައޮތް.” މީޑިއާ އޮފީހުގެ އޮފިޝަލަކު ބުނެފައިވެއެވެ.

ބަޑަށްޖެހި ޢައްޒާގެ ރައްޔިތުންގެ މާޔޫސްކަމާއި ރުޅިވެރިކަން ވެސް ދަނީ އިތުރުވަމުން ކަމަށާއި ޑިސްޓްރިބިއުޝަން ސައިޓްތައް ވީހާވެސް ހަރުދަނާގޮތެއްގައި ހިންގަމުން ދިޔަ ނަމަވެސް ބަނޑުހައިހޫނު ޣައްޒާގެ ރައްޔިތުން ވީހާވެސް ގިނައިން ކާބޯތަކެތި ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާވަނީ ބުނެފަ އެވެ. އަދި އޭގެ ސަބަބުން އެ ހިސާބުގެ އަމަން އަމާންކަން ކެނޑިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި މި އެންކްލޭވްގައި މިހާތަނަށް 25,1o5 މީހުން ޝަހީދުވެ، 62،681 މީހުން ވަނީ ޒަޚަމަވެފައެވެ.