English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ސޮއިކުރެއްވި އެއްބަސްވުންތަކަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭގޮތުން ވައިސް މިނިސްޓަރ އޮފް ދި އިންޓަރނޭޝަނަލް ޑިޕާޓްމަންޓް އޮފް ދަ ޗައިނީސް ކޮމިއުނިސްޓް ޕާޓީ، ސުން ހައިޔާން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަށް ޗައިނާއިން ފަހިކޮށްދެއްވާ ތަމްރީނުގެ ފުރުޞަތުތަކާއި ދެމުންގެންދާ އެއްބާރުލުން ޝުކުރުވެރި ކަމާއެކު ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތައް ތަންފީޒުކުރެއްވިގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ވައިސް މިނިސްޓަރ އޮފް ދި އިންޓަރނޭޝަނަލް ޑިޕާޓްމަންޓް ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ލީޑަރޝިޕްގެ ދަށުން ޗައިނާގެ ކަމާގުޅޭ ހުރިހާ އިދާރާތަކުން ދިވެހިރާއްޖޭގެ ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ތިބިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ރާއްޖެއަށް ތަމްރީނުގެ ފުރުޞަތުތައް ދިނުމަށާއި، ދެ ޤައުމުގެ އިސްތިރާޖީ ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން އެކަމަނާ ފާޅުކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުންވަނީ ދާދި ފަހުން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ކާމިޔާބު ކަމާއެކު ސީދާ ވައިގެ ދަތުރުތައް ފަށާފައިވާތީ އެކަމާ ގުޅޭ ގޮތުންނާއި، ރާއްޖެއާއި ޗައިނާއާ ދެމެދު ކުރާ ސީދާ ވައިގެ ދަތުރުތައް ޗައިނާގެ އިތުރު ސިޓީތަކަށް ފުޅާކުރެވިދާނެ ގޮތްތަކާގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ޗައިނާއާއި ރާއްޖޭގެ އެއް ސިޓީ އަނެއް ސިޓީއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ވައިސް މިނިސްޓަރ އޮފް ދި އިންޓަރނޭޝަނަލް ޑިޕާޓްމަންޓް އޮފް ދަ ޗައިނީސް ކޮމިއުނިސްޓް ޕާޓީ ގެ ވާހަކަފުޅު ނިންމަވައިލެއްވީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުންތައް ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ.