English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކުއްލި ފަރުވާއަށް ބަލިމީހުން ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

އައިޖީއެމް ހޮސްޕިޓަލުގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް، ގއ. ވިލިނގިލީ، ޕެންޒީއާގޭ، ޢުމުރުން 13 އަހަރުގެ މުޙައްމަދު ޖާހު ޚާލިދު، ނިޔާވި ހާދިސާއާއި ގުޅިގެން މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅުއްވާ ފިޔަވަޅެއްގެ ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އަންގަވައިފައިވަނީ ޖާހުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ރައީސް އޮފީހުން ރޭ ނެރުނު ބަޔާނެއްގައެވެ.

އެގޮތުން ރައީސް އޮފީހުން ނެރުނު ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާވަނީ މަރުޙޫމް މުޙައްމަދު ޖާހު ޚާލިދުގެ ޞިއްޙީ ޙާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގާދިޔަ ގޮތުގެ ތަފްޞީލީ މަޢުލޫމާތު ދެއްވުމަށް އަންގަވާފައެވެ. އަދި މިފަދަ ހިތާމަވެރި ޙާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލިމީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް، ކަމާ ގުޅުންހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.

“މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި އަމަލުކުރަމުން އަންނަ ނިޒާމު އިސްލާހުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފަ،” ރައީސް އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ، ސިއްހީ ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަން ދީގެން، ބަލި މީހުން އުފުލުމުގެ ދަތުރުތަކަށް އިސްކަންދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލު ބަދަލުކޮށްފައިވަނީ ރައީސް އަންގަވައިގެން ކަމަށެވެ.

“ބަލި ހާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ހާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް އަމަލުކުރަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އެދިވަޑައިގެންފައެވެ..،” އެ ބަޔާނުގައިވެއެވެ.

އައިޖީއެމް ހޮސްޕިޓަލުގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް، މުޙައްމަދު ޖާހު ޚާލިދު، ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވެވަޑައިގަތުމާ އެކުކަމަށް ވިދާޅުވެ ހިތާމަވެރި މިވަގުތުގައި، މަރްޙޫމްގެ މައިންބަފައިންނަށާއި ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މަރުޙޫމް ފުރާނައަށް، ހެޔޮ ރަހްމަތްލެއްވުމަށާއި މައިންބަފައިންނާއި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ރައީސްވަނީ ދުޢާކުރައްވާފައެވެ.