English Edition
Dhivehi Edition
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ފޮޓޯ: ރައީސް އޮފީސް

ފަލަސްތީނުގެ ގާޒާގެ އެތައްހާސް ބަޔަކު ޝަހީދުކޮށްލައި ހިންގަމުންދާ ކަންކަމުގެ ސަބަބުން ގާޒާގެ ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ފަލަސްޠީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންގެންދާ ޢުދުވާންތައް ރާއްޖެއިން ކުށްވެރިކުރާކުރުން ތަކުރާރު ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ މި ޢުދުވާންތަކަކީ ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު އުދުވާންތަކެއް ކަމަށެވެ. ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް އިސްރާއީލުގެ މިއަމަލުތަކަކީ ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު އަމަލުތަކެއްކަން ސާބިތުކުރުމަށް މައްސަލަ ހުށަހަޅާފައިވާތީ އެކަމަށް އެމަނިކުފާނު ތަޢުރީފުކުރެއްވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ ވަގުތުން ވަގުތަށް ހަމަލާތައް ހުއްޓާލުމަށާއި ދާއިމީ ސުލްޙަވެރި މަގެއް ހޯދުމަށް ގޮވާލާ ގޮވާލުމުގައި އެއްބާރުލުން އިތުރުކޮށް، އެކަންކަމަށް ބާރުއަޅައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ އ.ދ. އާއި އ.ދ. ގެ ސަލާމަތީ މަޖިލިސް އިސްލާހުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ ބަދަހިކަމާއި ގުޅުމުގެ ތެރެއިން ސަލާމަތާއި ސުލްޙަ މަސަލަސްކަން ކަށަވަރުކުރުމާއެކު ފާގަތި މުސްތަޤްބަލަކަށް އަމާޒުކޮށް މަސައްކަތްކުރުމުގައި ނާމްގެ މުހިންމު ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނައިބި ރައީސް ވަނީ މާޔޫސްކަމުގެ ބަދަލުގައި އުންމީދު ގެނެސްދިނުމާއި، ހަނގުރާމަތަކުގެ ސަބަބުން ދުނިޔެއަށް ފެތުރެމުންދާ ބިރުވެރިކަމުގެ ބަދަލުގައި ސުލްޙަ ގެނެސްދިނުމާއި އަދި ނާޒުކު ޙާލަތްތަކުގެ ބަދަލުގައި ވިލުންތެރިކަން ފަތުރައިދިނުން ފަދަ ބަދަލުތައް ދުނިޔެއަށް ގެނައުމުގައި ހުއްޓުމެއްނެތި މަސައްކަތްކުރުމުގައި ނާމް ދެމިއޮންނަންޖެހޭކަންވެސް ފާހަގަކުރެއްވިއެވެ.