English Edition
Dhivehi Edition

ގައުކެނޑި ބުރިޖުގެ ފެންސުން އެތެރެއަށް (މަގަށްވީފަޅި) ވާގޮތަށް މީހުން މަޑުކޮށްގެން ތިބުމާއި ދުއްވާ އުޅަނދުފަހަރު މަޑުކޮށްގެން ތިބުން އައްޑޫސިޓީ ކައުންސިލުން މަނާކޮށްފިއެވެ. އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ މުހައްމަދު ޔަސްރިފް ވިދާޅުވީ އެގޮތަށް ނިންމެވީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށެވެ. “އެތަނަކީ ވަރަށް ބާރަށް ވެހިކަލްދުއްވާތަނެއް. އެހާބާރަށް އެއްޗެހި ދުއްވާއިރު ފެންސުންއެތެރޭގައި މީހުން މަޑުކޮށްގެން ތިބޭކަމަށްވާނަމަ ދެރަގޮތެއްވެސް މެދުވެރިވުމަކީ ދުރުކަމެއްނޫން. ހިނގާމީހުންވެސް އެތާމަޑުނުކޮށް ދާންވީ. ދުއްވާ އުޅަނދުވެސް އެއްވެސް ކަމެއްގައި އެތާ ޕާކުކޮށްގެން ނުވަތަ މަޑުކޮށްގެން އޮތުމަކީވެސް މަނާކަމެއް. އެހެން އޮންނަ ކަމަށްވާނަމަ އެހެން އުޅަނދު ފަހަރަށް ދުއްވަންވެސް ދަތިވާނެ،” ޔަސްރިފް ވިދާޅުވިއެވެ. އެބުރިޖަކީ ވަރަށްގިނަ މީހުން މަސްބާނަންގޮސް އުޅޭތަނެކެވެ. އެހެންތިބޭއިރުވެސް ފެންސުން ބޭރުގައި (މޫދަށްވާ ގޮތަށް) މަސްބާނަން ތިބުމަކުން މައްސަކައެއްނެތް ކަމަށް ޔަސްރިފް ވިދާޅުވިއެވެ.