English Edition
Dhivehi Edition

އިސްރާއީލުގެ ޔަހޫދީ ސިފައިން، ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހުރި ސަހަރާއަކަށް ބޮޑެތި ގެއްލުންތަކެއް ދީ އެތަނުގައި ވަޅުލާފައި އޮތް ގަބުރުތަކެއް ނަގާފައި ވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލު ސިފައިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ބުލްޑޯޒަރުތައް ބޭނުންކޮށްގެން ސަހަރާއަށް ބޮޑެތި ގެއްލުންތަކެއް ދީ އެތާގައި ވަޅުލާފައިވާ ގިނަ އަދަދެއްގެ ގަބުރުތަކެއް ވަނީ ނަގާފައެވެ.

އިސްރާއީލު ސިފައިން ސަހަރާ ހަލާކުކޮށްލުމަށް ފަހު އެތަނުގައި ވަޅުލާފައި ތިބި ގަބުރުތައް ނެގީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސްއިން ރަހީނުކުރި އިސްރާއީލުގެ މީހުންގެ ހަށިތައް އެތަނުގައި ވަޅުލާފައި އޮތްތޯ ބެލުމަށް ޓެސްޓުތަކެއް ހެދުމަށް ކަމަށް ބުނެއެވެ.

ވަޅުލާފައި އޮތް ގަބުރުތަކަށް ނެގުމާއި ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބުދެމުން އިސްރާއީލު ސިފައިން ބުނީ އެމީހުން ޣައްޒާގައި ހިންމުން ގެންދާ އޮޕަރޭޝަންތަކަކީ ހަމާސް އިން ރަހީނުކުރި އިސްރާއީލުގެ މީހުން ހޯދާ އެމީހުން ސަލާމަތްކުރުމަށް ހިންގާ އޮޕަރޭޝަންތަކެއް ކަމަށާއި އެގޮތުން ސަހަރާތަކުގައި ވަޅުލާފައިވާ ގަބުރުތައްވެސް ނަގާ ޓެސްޓުތަކެއް ހަދަމުން ގެންދާކަމަށެވެ.

އިސްރާއީލުގެ ސިފައިން ބުނީ އެމީހުން އެކަން ކުރީ ލިބުނު އިންޓެލިޖެންސް މައުލާމާތަކަށް ބިނާކޮށް ކަމަށާއި ކްރިޓިކަލް ހާލަތްތަކުގައި އެފަދަ އޮޕަރޭޝަންތައް ހިންގުމަކީ ކުރަން ޖެހޭނޭ ކަމެއްކަމަށެވެ.

އަދި ހަމާސްއިން ވަނީ އޮކްޓޫބަރު ހަތްވަނަ ދުވަހު އިސްރާއީލުގެ ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ރަހީނުކޮށްފައިކަމަށާއި އެފަރާތްތައް ހޯދާ ދެނެގަތުމަށް ގިނަ އޮޕަރޭޝަން ތަކެއް ހިންގަމުން އަންނަކަމަށެވެ.

އިސްރާއީލުން ބުނެފައިވަނީ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު، ހަމާސްއިން އިސްރާއީލުގެ 253 މީހުން ރަހީނުކޮށްފައިވާ ކަމަށާއި ގަބޫލުކުރެވޭ ގޮތުގައި 132 މީހުން އަދިވެސް ހަމާސްހެ ބެލެމުގެ ދަށުގައި އެބަތިބިކަމަށެވެ. އަދި އޭގެ ތެރެއިން 105 މީހުން ދިރިތިބި ކަމަށް ބެލެވޭއިރު، 27 މީހުން ވީނުވީއެއް ނޭންގި މަރުވެފައިވާ ކަމަށްވެސް އިސްރާއީލު ސިފައިން ބުނެއެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކުގައިވާ ގޮތުން ސަހަރާއަކަށް ގަސްތުގައި ހަމަލާދީ ގެއްލުން ދިނުމަކީ ހަނގުރާމައިގެ ޖަރީމާއެކެވެ. އެފަދަ ތަންތަން އަސްކަރީ މަޤްޞަދަކަށް ހެދުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުން މަނާކަމެކެވެ.