English Edition
Dhivehi Edition

ގަތަރުގައި މިހާރު ކުރިއަށް ދާ އޭއެފްސީ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގައި ގުރޫޕް އީގައި ހޯމަދުވަހުގެ ރޭ ކުޅުނު މެޗުތަކުން ސައުތުކޮރެއާ އާއި ޖޯޑަން މޮޅުވެއްޖެއެވެ.

ބަހުރެއިންގެ މައްޗަށް 3-1 އިން ސައުތު ކޮރެއާ ކުރި ހޯދިއިރު، ޖޯޑަން ކުރިހޯދީ މެލޭޝިއާ އާއި ވާދަކޮށް 4-0 ގެ ނަތީޖާއިންނެވެ.

ސައުތު ކޮރެއާ އަދި ބަހުރެއިން ބައްދަލުކުރި މެޗުން ސައުތު ކޮރެއާ މޮޅުވިއިރު، މި މެޗުގައި އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި ސައުތު ކޮރެއާއިން ލީޑު ނެގީ މެޗުގެ ފުރަތަމަ ފާހުގެ 38 ވަނަ މިނެޓުގައި އިން-ބިއޮމް ހަވާންގް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި މެޗުގެ ފަހު ދެ ލަނޑު ސައުތު ކޮރެއާއަށް ޖަހައިދިނީ ލީ ކަންގް އެވެ. މި ލަނޑުތައް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ކިމް މިން ޖޭ އަދި އިން-ބިއޮމް ހަވާންގް އެވެ.

ޖޯޑަން އަދި މެލޭޝިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު ޖޯޑަންއިން ކާމިޔާބު ކުރިއިރު، މެޗު ފެށިގެން 12 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ޖޯޑަންއަށް މެޗުގެ ލީޑު ނަގައިިދިނީ ޔަޒާން އަލް ނައިމަތް ތަނަވަސްކޮށްދިން ފުރުސަތެއްގައި މަހުމޫދް މަރްދީއެވެ. ޖޯޑަންގެ ލީޑު ފުޅާކުރި ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން މޫސާ ސުލައިމާންއެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު ޔަޒާން އަލް ނައިމަތް ތަނަވަސްކޮށްދިން ފުރުސަތެއްގައި މަހުމޫދް މަރްދީ ޖަހައިދިން އިރު، ޖޯޑަންގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ މޫސާ ސުލައިމާންއެވެ.

މި މެޗުތަކުގެ ނަތީޖާތަކާއި އެކު، މިވަގުތު ގުރޫޕް އީގެ އެއްވަނަ ލިބެނީ ޖޯޑަން އަށެވެ. ސައުތް ކޮރެއާއަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ޖޯޑަން އަށް ކުރި ލިބެނީ ގޯލުގެ ފަރަގުންނެވެ. ތިންވަނާގައި ބަހުރެއިން އޮތް އިރު، އެންމެ ފުލުގައި މިވަގުތު އޮތީ މެލޭޝިއާއެވެ. ކޮންމެ ޓީމެއްވެސް ވަނީ އެއްމެޗު ކުޅެފައެވެ. ބަހުރެއިން އަދި މެލޭޝިއާއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.