ފަސޭހަކަމާއި އެކު ބާސެލޯނާ ބަލިކޮށް ސްޕެނިޝް ސުޕަކަޕް ގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން ހޯދައިފިއެވެ.
ސައުދީ އަރަބިއްޔާގެ އަލް އައްވަލް ޕާކް ސްޑޭޑިއަމުގައި ރޭ ކުޅުނު ސްޕެނިޝް ސްޕަކަޕްގެ ފައިނަލުގައި ރެއާލުން ބާސާ ބަލިކުރީ 4-1 ގެ ނަތީޖާއިންނެވެ.
މެޗުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި ރެއާލް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. ރެއާލް އަށް ލީޑު ނަގައިދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބްރެޒިލްގެ ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ. އޭނާ މި ލަނޑު ޖެހީ ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކީއްޕަރު ކައިރިން ވެސް ނައްޓާލުމަށް މުޅިން ހުސްކޮށް ހުރެގެންނެވެ. އަދި އޭގެ ތިން މިނެޓު ފަހުން މެޗުގެ 10 ވަނަ މިނެޓުގައި ވިނީޝިއަސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ރެއާލް އަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
މެޗުގެ 33 ވަނަ މިނެޓުގައި ރޮބަޓް ލެވެންޑޯސްކީގެ ލަނޑުން ބާސާއިން މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް އޭގެ ހަ މިނެޓް ފަހުން، މެޗުގެ 39 ވަނަ މިނެޓުގައި ވިނީޝިއަސް ވަނީ ލިބުނު ޕެނަލްޓީއަކުން އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިމެޗުގައި ރެއާލްގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮޑްރިގޯ އެވެ. މިއީ ބާސެލޯނާގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ހުސް ފުރުސަތުގެ ބޭނުން ހިފައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިމެޗުގައި ބާސެލޯނާ އަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ރައުލް އަރައުހޯ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ. އެހެން ނަމަވެސް މެޗުގެ ކުޅުން ނިމުނީ އިތުރު ލަނޑެއް ފެގެން ނުގޮސް، 4-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިއީ ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަރ ކަޕްގެ ޗެމްޕިއަންކަން ހޯދި 13 ވަނަ ފަހަރެވެ. ނަމަވެސް ރެއާލް އަށްވުރެ ގިނަ ފަހަރު ސްޕެނިޝް ސުޕަރ ކަޕް ބާސާއިން ކާމިޔާބު ކޮށްފައިވެއެވެ. ބާސާއިން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން 14 ފަހަރު ހޯދާފައެވެ.