English Edition
Dhivehi Edition

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަަލީ ސަޢީދު، މުސްލިމު ވޯލްޑް ލީގް ގެ (ރާބިޠަތުލްޢާލަމިލްއިސްލާމީ) ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑރ. ޢަބްދުއްރަޙްމާން ބިން ޢަބްދު ﷲ ޒައިދު އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ޑރ. ޝަހީމްވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިސްލާމީ ތަޞައްވުރު ޙިއްސާކުރައްވާފައެވެ.

މީގެ އިތުރުން ރާބިޠާއާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ވަރުގަދަކޮށް، މި ވުޒާރާއާއި ރާބިތާއާ ދެމެދު 2012-2015 އަށް ސޮއިކޮށްފައިވާ ތިން އެއްބަސްވުމަށް އަމަލުކުރަން ފަށައި، ރާއްޖޭގައި ރާބިޠާގެ އޮފީސް އަލުން އިޢާދަކުރުމަށް ވެސް މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްޤީކުރުމުގައި ރާބިޠާގެ އިސްލާމީ ފިޤުހު އެކަޑަމީގެ އެހީތެރިކަން ހޯދުމާމެދު ވެސް މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އާއި ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެޑައިގެންނެވިއެވެ. މި ބައްދަލުވުން އޮތީ މައްކާގައި ހުންނަ ރާބިޠާގެ ހެޑް އޮފީހުގައި މިއަދު ހެނދުނު އެވެ.